ރައީސް ޔާމީން ފިޔަަވައި ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު ވެރިޔަކު ނެތް: ސަޢީދު

މާމިނގިލީގައި ގާއިމްކުރި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްޕީއެލް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްފިޔަވައި ދިވެހި ގައުމުގެ ހައްގުގައި ބަސްބުނަން ކެރޭ އަދި ބަސްބުނަން ކެރުނު ވެރިޔަކު ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާމިގިލީގައި ގާއިމްކުރި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީނަކީ ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވިނަމަވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު ވެރިޔާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު އަދި ކެރޭ ވެރިއެއްވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދާއި އިގްތިސާދީ ސަރަހައްދު ބޮޑު ގައުމެއް ކަމަށާއި، ނަމަވެސް ފާއިތުވި 30 ވަރަކަށް އަހަރު ތެރޭ ވެރިކަން ކުރެއްވި ފަރާތްތަކުން މަސައްކަތް ކުރެއްވީ ރާއްޖެއަކީ ވަސީލަތްތައް ނެތް ގައުމެއްގެ ގޮތުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަކީ ގައުމީ ވާޖިބެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ހިތުގައި ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް އޮތްނަމަވެސް ގައުމުގެ ހައްގުގައި ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭން ޖެހޭ ކަމަށެވެ.

މި ސަރުކާރަކީ ރާއްޖެއަށް ދިމާވެފައިވާ ކޮންމެ މައްސަލައަކަށްވެސް ހައްލު ހޯދައިދޭނެ ސަރުކާރެއް ކަމަށާއި ރައީސް ޔާމީނަކީ ވަކިކަހަލަ މަސައްކަތްތަކެއް ކުރައްވާ، ވަކިމަސައްކަތްތަކެއް ނުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

"މި ސަރުކާރުގައި ފަސޭހަ ކަންތައްކޮށްލާ، އުނދަގޫ ކަންތައް ދޫކޮށްލާ ސިޔާސަތެއް ނޯވޭ. އެމަނިކުފާރުގެ (ރައީސްގެ) ވިޜަން އަކީ ދިވެހިރާއްޖެއަށް ބޭނުންވާނެ ކޮންމެ ކަމެއްވެސް، ދިވެހި ރައްޔިތުންނަށް އެކަމުގެ ފައިދާއާއި މަންފާ ކުރާ، ރާއްޖޭގެ އިގްތިސާދަށާ ކުރިމަގަށް އޭގެ ފައިދާ ކުރާ، ދިވެހިން ދިވެހިންގެ ގޮތުގައި މިނިވަންކަމާ، ގަބޫލުކުރާ ރީތި ިއުސޫލުތަކުގެ މަތީގައި ސާބިތުވެތިބެ ކުރިއަށް ދެވޭނަމަ، ރާއްޖޭގައި އެ މަސައްކަތް ކުރުމަކީ ކިތަންމެ ތަކުލީފެއް އުފުލަން ޖެހުނު ކަމެއް ނަމަވެސް، ކިތަންންމެ ބޮޑު މަސައްކަތެއް ނަމަވެސް އެ ރިސްކު ނަގައި އެ މަސައްކަތް ނިންމުން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މާމިގިލީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ބަނދަރުގައި އެންމެ ފުރަތަމަ ބަނދަރު ކުރި "ބޮންތި 2" ކިޔާ ބޯޓަށް ރަށުގެ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ވަނީ އަރުވައިފައެވެ.

comment ކޮމެންޓް