ބޮޑު ކާސްޓު ހިމެނޭ ފިލްމު "މާމުއި" އަންނަ އޭޕްރިލް މަހު!

"މާމުއި"ގެ ކާސްޓުންނާ އެކީ އިއްޔެ ބޭއްވި ފޮޓޯ ޝޫޓްގެ ތެރެއިން--- ފޮޓޯ/ ފޭސްބުކް

ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "މާމުއި" އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އަންނަ މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ކާސްޓަށް އިތުރުވި ތަރިންނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް އެވެ.

ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނީ އެ ފިލްމަކީ އެ ޓީމުން އުފައްދާ އެންމެ ބޮޑު އަދި އެންމެ ތަފާތު ޕްރޮޖެކްޓެކެވެ.

އެ ޓީމުން އެންމެ ފަހުން ސްކްރީނުގައި އަޅުވާފައިވަނީ "ވަކިން ލޯބިން" އެވެ. ޑާކްރެއިން އެންޓަޓެއިންމަންޓް އިން ދެން ކުރިއަށް އޮތް ފިލްމަކީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ފިލްމު "ގޮށްރާޅު" އެވެ.

އަންނަ އަހަރު ވެސް އެ ޓީމުން އަންނަނީ ސްކްރީނަށް ގިނަ ފިލްމުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް