ނިއު ބަލިނުކުރެވެންވީ ސަބަބެއް ނެތް، އެކަމަކު އެއީ އުނދަގޫ ކަމެއް: އަބާހާނީ ކޯޗު

ދާކާ އަބަހާނީ ކޯޗު ޓީޓޫ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެއީ އުނދަގޫ މަސައްކަތެއް ކަމަށް ދާކާ އަބަހާނީގެ ކޯޗު ސައިފުލް ބާރީ ޓީޓޫ ބުނެފިއެވެ.

ދާކާ އަބަހާނީގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ސައިފުލް ބާރީ ޓީޓޫއަކީ ބަންގާޅު ފުޓުބޯޅައިގެ ލެޖެންޑެކެވެ. ބަންގާޅު ގައުމީ ޓީމަށްވެސް ކުޅުނު ޓީޓޫއަކީ 2004 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި ކޯޗިންގައި ހަރަކާތްތެރިވަމުން އަންނަ އެގައުމުގެ ފުޓުބޯޅަ ޝަހުސިއްޔަތެކެވެ. ބަންގާޅު ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ޓީޓޫވަނީ ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ.

ރާއްޖޭގެ ކްލަބުތަކާއި ގައުމީ ޓީމުގެ ފަރާތުންވެސް އެ ގައުމުގެ ކްލަބުތަކަށް މާޔޫސްކަން ކުރިމަތިވާ ވާހަކަ މީގެ ކުރިންވެސް ޓީޓޫ ބުނެފައިވާ އިރު، މިއަދުގެ މެޗަށް ނުކުންނަ އިރުވެސް ވަރުގަދަކޮށް އޮތީ ނިއުއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ އެއް ވަނައިގައި މިވަގުތު ނިއު އޮތް އިރު، އަބަހާނީ އޮތީ ގްރޫޕް ތިން ވަނައިގައެވެ. މިއަދުގެ މެޗަކީ ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ.

"ގްރޫޕް އޮތީ އަހަރެމެންނަށް އެންމެ އެކަށޭނެ ގޮތަކަށް ނޫން. ފުރުސަތު ލިބުނު. މިހާތަނަށް ކުޅުނު ތިން މެޗުންވެސް ފުރަތަމަ ދެ މެޗު ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބި. ގްރޫޕަކުން ކޮލިފައިވުމަށް ފުރަތަަމަ ދެ މެޗު ވަރަށް މުހިއްމުވާނެ. އެ ދެމެޗުން ޕޮއިންޓް ނުލިބި، އައިޒޯލްއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް މި ލިބުނީ" އަބާހާނީ އޮތް ހާލަތާ ގުޅިގެން ޓީޓޫ ބުންޏެވެ.

ޓީޓޫ ބުނީ ނިއު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި، އަދި އޭނާ ގަބޫލުކުރަނީ ނިއުއަކީ ގްރޫޕްގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުންވެސް ނިއުގައި ވަރުގަދަ ކުޅުންތެރިން ނިއުގައި އެބަ ތިބި ކަމަށާއި، ނަތީޖާ ބަދަލުކޮށްލުމުގައި އެ ކުޅުންތެރިންގެ ހިއްސާ ބޮޑު ކަމަށެވެ.

"ހާއްސަކޮށް ނިއުގެ ހޯމްގައި އެޓީމު ވަރަށް ވަރުގަދަ. އަލީ ފާސިރު، އަލީ އަޝްފާގު އަދި ކަންޑޭލާ ފަދަ ކުޅުންތެރިންނަކީ ވަރަށް މޮޅެތި ކުޅުންތެރިން. މެޗު ކޮންޓްރޯލްކޮށް ކުއްލިއަކަށް ނަތީޖާ ނެރެލުމަށް އެ ކުޅުންތެރިންގެ ތަފާތު ފެނޭ،" ޓީޓޫ ބުންޏެވެ.

ޓީޓޫ ބުނީ ބަންގާޅުގައި ނިއުއާއި އަބަހާނީ ކުޅުނު މެޗުވެސް ދިޔައީ ދާދި ހަމަހަމަކޮށް ކަމަށާއި، ތަފާތަކަށްވީ ލިބުނު އެންމެ ފުރުސަތަކުން ސެންޓޭގެ ޖާދޫ ދައްކާލުން ކަމަށެވެ. އަދި މިހާތަނަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އަބާހާނީ ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނު ކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ހިފުނީ އެންމެ މެޗެއްގައި ކަމަށްވެސް ޓީޓޫ ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު، އަބާހާނީއަށް ދެވަނަ ބުރުގެ ފުރުސަތު ހަނި ނަމަވެސް އަދި ފުރުސަތެއް ނުގެއްލެއެވެ. އެހެން ނަމަވެސް ޓީޓޫ ބުނީ މިހާރު އެޓީމަށް ޕްރެޝަރެއް ނެތް ކަމަށެވެ.

"އަހަރެމެން ޓީމަށް ޕްރެޝަރެއް ނެތް. އެންމެ ފަހު މެޗުގައި އައިޒޯލްވެސް ކުޅުނީ އެހެން. އެހެންވެ އެވަރަށް (އަބަހާނީ)އަށް އުނދަގޫވީ. އެކަމަކު އަބަހާނީއަށް އެބައޮތް ސާބިތުކޮށްދޭން ޖެހޭ އެއްޗެއް. އަބަހާނީއަކީ ގްރޫޕްގައި ވަރުގަދަ ޓީމެއްކަން،" ޓީޓޫ ބުންޏެވެ.

"ނިއު ބަލިނުކުރެވޭންވީ ސަބަބެއް ނެތް. ރަނގަޅު ދުވަހެއްގައި ނަސީބާއެކު އެކަން ނުވާންވީ ސަބަބެއް ނެތް. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް،" ޓީޓޫ

ޓީޓޫ ބުނީ ރާއްޖޭގައި ބަންގާޅުގެ ޓީމުތައް ކުޅޭ އިރު، އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގައި މަސައްކަތް ކުރާ އެގައުމުގެ ސަޕޯޓަރުން ދަނޑަށް ވަނުން ކަމަށާއި، މިއަދުވެސް ސަޕޯޓަރުން ވަންނާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ނިއުއާއި ދާކާ އަބާހާނީ ވާދަކުރާ މެޗު އޮންނާނީ މިއަދު 4:00 ގައެވެ.

comment ކޮމެންޓް