ހަނގުރާމައަކަށް ދާން އިސްރާއީލުގެ ބޮޑުވަޒީރަށް ދެން ކެބިނެޓުގެ ހުއްދަ ބޭނުމެއް ނުވާނެ!

ނަތަންޔާހޫ އިސްރާއިލުގެ ޑިފެންސް މިނިސްޓަރު ލިބަމަން އާއެކު. އިސްރާއިލުގެ ކެބިނެޓުގެ ހުއްދެނެތި ހަމައެކަނި ޑިފެންސް މިނިސްޓަރުގެ ހުއްދަ އާއެކު އެހެން ގައުމަކާ ހަނގުރާމައަކަށް ދިއުމުގެ ބާރު އިސްރާއިލުގެ ބޮޑުވަޒީރަށް އެގައުމުގެ ޕާލިމަންޓުން ވަނީ ދީފައި--

ތެލްއަވީވް (01 މޭ): އިސްރާއީލުގެ ކެބިނެޓުގެ ހުއްދަނެތި އެހެން ގައުމަކާ ހަނގުރާމައަކަށް ދިއުމުގެ ބާރު އިސްރާއިލުގެ ބޮޑުވަޒީރަށް އެގައުމުގެ ޕާލިމަންޓުން ދީފިއެވެ.

އެކަމާ ގުޅޭ ގޮތުން އިސްރާއިލުގެ ޕާލިމަންޓު ކެނެސެޓުގައި އިއްޔެ ނެގިި ވޯޓުގައި 62 މެމްބަރަކު ވަނީ އަލަށް ފާސްކުރި ބަދަލަށް ވޯޓު ދީފައެވެ. އަދި 41 މެމްބަރުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ.

މީގެ ކުރިން މުޅި ކެބިނެޓްގެ ރުހުން ލިބިގެން ނޫނީ ހަނގުރާމައަކަށް ނުދެވެއެވެ. ނަަމަވެސް މިހާރު ހަނގުރާމައަށް ދާން ހަމައެކަނި ބޭނުންވާނީ ޑިފެންސް މިނިސްޓަރުގެ ހުއްދަ އެކަންޏެވެ.

އިސްރާއިލުގައި، ބޮޑުވަޒީރު ޑިފެންސް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަކީ އާންމު ކަމެކެވެ.

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާާހޫއަށް އަނެއްކާވެސް އާ ބާރުތަކެއް ޕާލަމަންޓުން ދިން ދުވަސްވަރު، ސަރަހައްދުގައި އަނެއްކާވެސް ވަރުގަދަ ހަނގުރާމައެއް ފެށިދާނެކަމަށް ބައެއް މުރާސިލުން ދަނީ ބުނަމުންނެވެ.

އިސްރާއިލުގެ ދުޝްމަން އިރާނުން ނިއުކުލިއާ ހަތިޔާރު އުފައްދަމުން ދާ ކަމަށް ބުނެ އިސްރާއިލުގެ ބޮޑުވަޒީރު ވަނީ އިރާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އިއްޔެ ދެއްވައިފައެވެ. ސީރިއާގައި ހަރަކާތްތެރިވާ އީރާނުގެެ ރިވޮލިއުޝަނަރީ ގާޑުންނަަށް އަމާޒުކޮށް އިއްޔެވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. ހަމަލާ ދިނީ ކޮންބައެއްކަން ނޭނގުނަސް އިސްރާއިލަށް ވަނީ ވަރަށް ބޮޑަށް ތުހުމަތުކުރެވިފައެވެ. އެ ހަމަލާގައި އީރާނުގެ 11 މީހުން މަރުވިއެވެ.

މަސްދަރު: އަލްޖަޒީރާ

comment ކޮމެންޓް