ތ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ފަށައިފި

ތ. އަތޮޅު ކައުންސިލްގައި މިއަދު ކުރިއަށްދިޔަ މެޗުތަކުގެ ތެރެއިން ---

ތ. އަތޮޅު ކައުންސިލްގެ ފަރާތުން އެެ އަތޮޅު ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ ވޮލީމުބާރާތް މިއަދު ހެނދުނު ތ. އަތޮޅު ވިލުފުށީގައި ފަށައިފި އެވެ.

މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތު ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. ފިރިހެން ޑިވިޝަންގައި ފަސް ޓީމާއި އަދި އަންހެން ޑިވިޝަންގެ ހަތަރު ޓީމު މުބާރާތުގައި ބައިވެރިވެފައިވެ އެވެ.

މުބާރާތް އިންތިޒާމު ކުރާ ތ. އަތޮޅު ކައުންސިލުން ބުނީ އެ މުބާރާތުގެ މަގުސަދަކީ ތ. އަތޮޅުގައި ވޮލީ ކުރިއަރުވައި ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށެވެ.

މުބާރާތުގައި ފުރަތަމަ މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޝަންގައި ތ. ހިރިލަންދޫ އާއި ތ. މަޑިފުށި ވާދަކުރި މެޗެވެ. އެ މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ މަޑިފުއްޓެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަޑިފުށީ ޓީމްގެ މަރިޔަމް އަޒީފާ އެވެ.

މިއަދު ހެނދުނު ކުޅުނު ދެވަނަ މެޗަކީ ވެސް އަންހެން ޑިވިޝަންގެ މެޗެކެވެ. ތ. ވިލުފުއްޓާއި ވަންދޫ ވާދަކުރި އެ މެޗު، ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވިލުފުއްޓެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމްގެ ފާތިމަތު ސައީދާ އެވެ.

މިއަދު ހަވީރު މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ފަށާނެ އެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ތ. ހިރިލަންދުއާއި ވިލުފުށި ވާދަކުރާ މެޗެވެ.

މުޅި ތ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅަފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައެޅައިފަ އެވެ.

މިއަދު ބޭއްވި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތް ފައްޓަވައި ދެއްވީ ތ. އަތޮޅު ކައުންސިލްގެ ރައީސް ރިޟްވާން އަބްދުﷲ އެވެ.

comment ކޮމެންޓް