ޓްރަމްޕަށް ނޯބަލް ސުލްހައިގެ އިނާމު ދޭން ޖެހޭ: ދެކުނު ކޮރެއާގެ ރައީސް

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ އިން -- ފޮޓޯ/ ޔޫޕީއައި

ސޯލް: ދެ ކޮރެއާގެ ދެމެދުގައި ސުލްހަ ގާއިމުވެއްޖެނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޯބަލް ސުލްހައިގެ އިނާމު ދޭންޖެހޭނެ ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ އިން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިދިޔަ ހަފުތާގައި ވަނީ ބޯޑަރު ހުރަސްކުރައްވައި ދެކުނު ކޮރެއާއަށް ވަޑައިގެން ސުލްހައިގެ ވާހަކަތައް ބާއްވާފައެވެ. އަދި ދެ ބޭފުޅުން ބައްދަލުކުރައްވައި ވަނީ ދެކޮރެއާގެ ޒަމާންވީ ހަނގުރާމަ ނިމުނުކަން އިއުލާން ކުރައްވައިފައެވެ.

ދެކޮރެއާގެ ދެމެދުގައި ބޭއްވި ތާރީހީ ބައްދަލުވުމަށްފަހު އޮތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހުއްޓާލަން ނިންމި ނިންމުމަށް ޓްރަމްޕް ވަނީ ތައުރީފުކޮށްފައެވެ. އެމެރިކާގެ ރައްޔިތުން އެކަމާމެދު ފަހުރުވެރިވާން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕަށް ސުލްހައިގެ އިނާމު ހައްގުވާކަމަށް އެތައް ބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ.

ޓްރަމްޕަށް ސުލްހައިގެ އިނާމު ހައްގުވާކަމަށް ގިނަ ފަރާތްތަކަކުން ބުނިނަމަވެސް ބައެއް ފަރާތްތަކުން ބުނީ އުތުރު ކޮރެއާ މައިތިރިކުރުމަށް ޓްރަމްޕް ގެންގުޅުއްވީ ރަނގަޅު ސިޔާސަތެއް ނޫން ކަމަށެވެ. ޓަރަމްޕް ވަނީ މީގެ ކުރިން އޭނާގެ މޭޒުގައި އުތުރު ކޮރެއާގެ ލީޑަރު މޭޒުގައި އިންނަ ނިއުކުލިއާ ބަޓަންއަށް ވުރެ ބޮޑު ބަޓަނެއް އިންނަ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭގެ އިތުރުން ބޯ ނުލަނބައިފިނަމަ އުތުރު ކޮރެއާ ސުންނާފަތި ކޮށްލާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

މަސްދަރު : ރަޝިއާ ޓުޑޭ

comment ކޮމެންޓް