މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 46.6 މިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވި އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމު ހުޅުވުމުގެ ރަސްމިއްޔާތުގައި ޗެއާމަން ހުސައިން ސާލިމް މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 46.6 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު ނެރުނު އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ވާ ގޮތުން، އެކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 88 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ.

އެސްޓީއޯއިން ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވަނީ 25،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ތެޔޮ ޓެންކަރު "އެމްޓީ އަލިމަސް"، ޖެނުއަރީ މަހުގެ ފަހުކޮޅު ގެނެސްފައެވެ. މީގެ އިތުރުން ފެބްރުއަރީ މަހުގެ ތެރޭގައި އުމަރު ޝޮޕިންގް އާކޭޑު ހުރި ބިމުގައި ހަދާފައިވާ "ސިޓީ ސްކުއާ"ގައި އެސްޓީއޯއިން ވަނީ "އެސްޓީއޯ އިލެކްޓްރޯނިކްސް" އަލުން ހުޅުވާފައެވެ.

މީގެ އިތުރުން އެސްޓީއޯގެ ބޯޑުން ވަނީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބައެއް މުހިންމު ކަންކަން ނިންމާފައެވެ. އެެގޮތުން ފެބްރުއަރީ އެކަކުން ފެށިގެން ކުންފުނީގެ ރަސްމީ ގަޑިއަކީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހަމަޖެއްސުމާއި، "އެންމެންގެ އެސްޓީއޯ" ކެމްޕޭނާއި އޭގެ ބަޖެޓު ހަމަޖެއްސުމުގެ އިތުރުން ދެ ލޭންޑިންގް ކްރާފްޓު ގަތުމަށް ނިންމުމާއި، އެސްޓީއޯ ސުޕަމާޓާއި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ފުޅާކޮށް، ވަރުގަދަކުރުމަށް ޕްލޭންތަކެއް ހެދުން ހިމެނެއެވެ.

comment ކޮމެންޓް