ތެލުގެ އަގު ހިފަހައްޓަައި، އިގްތިޞާދަށް ކުރާ އަސަރު ކުޑަކުރާން އިސްކަން ދޭނަން: އެސްޓީއޯ

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ރަށް ފުނަދޫ --- ސަން ފޮޓޯ

މިއަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގައި ތެލުގެ އަގުތައް ހިފެހެއްޓުމަށް ކަމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ތެލުގެ ވިޔަފާރިކުރާ އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީއާއި ފައިދާގެ ހިސާބުތައް އާންމުކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައި އެސްޓީއޯއިން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކާއެކު، ތެލުގެ އަގުތައް އަދިވެސް މައްޗަށް ދާނެ ކަމަށެވެ.

އެހެން ނަމަވެސް މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓަން އިސްކަންދޭނެ ކަމަށާއި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގްތިޞާދަށް ކުރާ އަސަރު ކުޑަކުރަން އިސްކަން ދޭނެ ކަމަށެވެ. އަދި ތެލުގެ އަގުން އެސްޓީއޯއަށް ގެއްލިގެންދާ ބައި، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ކުރިއަރުވައިގެން އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން ހޯދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއަށް 2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 7.5 ބިލިޔަން ރުފިޔާއެވެ. އެއީ 18 ޕަސަންޓުގެ ކުރިއެރުމެކެވެ. އެސްޓީއޯޢިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި، އެސްޓީއޯއިންވެސް ތެލުގެ އަގަށް ބަދަލު ގެނެސް، އަދި ތެޔޮ ވިއްކި މިންވަރު އިތުރުވުމެވެ. އޭގެ އިތުރުން އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވުމެވެ.

އެސްޓީއޯއިން ބުނީ މިދިޔަ އަހަރު އެސްޓީއޯއިން މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 2.9 އިންސައްތަ އިތުރަށް ތެޔޮ ވިއްކި ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން އަހަރު ނިމުމާ ހަމައަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 ޕަސަންޓަށް އުފުލުނު ނަމަވެސް، އެސްތީއޯއިން އެ މުއްދަތުގެ ތެރޭގައި ތެލުގެ އަގު ބޮޑުކުރީ 12 ޕަސަންޓަށް ކަމަށެވެ.

comment ކޮމެންޓް