ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމަށް ސަފީރުން ވިދާޅުވެއްޖެ

ދޭދޭ ގުޅުން ހަރުދަނާ ކުރުމުގައާއި، ބައިނަލްއަޤުވާމީ މަޝްރަހުގައި ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެކި ޤައުމުތަކުން އ.ދ.އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެސެންޓޭޓިވުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އަރުއްވައިފިއެވެ.

އެބޭފުޅުން ރައީސް ޔާމީން އަށް މި ޔަޤީންކަން އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުުވުމެއްގައެވެ. މި ބައްދަލުވުމުގައި ސަފީރުން ވަނީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިމަތިވާ ގޮންޖެހުންތައް ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އެ ބޭފުޅުން ވަނީ މި ސަރުކާރުގައި ހުރި ސިޔާސީ އަދި އިޤްތިޞާދީ ރޮނގުން އެބޭފުޅުން ތާއީދުކުރައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ތަރައްގީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައުލޫމާތު ސަފީރުންނާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން މި ސަރުކާރުގެ ވެރިކަމުގައި ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު ދެގުނައަށް އިތުރުވެފައިވާކަން ރައީސް ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލަކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން އެމަނިކުފާނުގެ ތަރައްޤީގެ އެޖެންޑާ ކުރިއަށްގެންދެވުމުގައި އަބަދުވެސް ދެމެހެއްޓެނިވި ސިޔާސަތުތަކަށް އިސްކަން ދެއްވާކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވަނީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ހަކަތަ އާއި ބޭރު ބައިނަލްއަޤްވާމީ މަޝްރަހުގެ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ވަފުދުގެ ބޭފުޅުންނާ ޚިޔާލު ބަދަލުކުރައްވައިފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމަށްޓަކައި ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ސަފީރުންގެ ފަފުދަށް ރައީސްދެއްވިއެވެ.

މީގެ އިތުރުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް ތަރައްގީވަމުން އަންނަ ގައުމެއްގެ ދަރަޖަ ރާއްޖެއަށް ލިބިފައިވާ ކަމަށާއި ސާސްކަފުގެ އަށް ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ ފަސް ލަނޑުދަނޑިއެއް ރާއްޖެއިން މިހާތަނަށް ހާޞިލު ކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވާ އާދަޔާ ޚިލާފު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަންކަން ޕަރމަނަންޓް ރެޕްރެޒެންޓޭޓިވުންގެ ވަފުދުގެ ބޭފުޅުންނާ ރައީސް ވަނީ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތާއި، ރާއްޖޭގައި ޤުދުރަތީ ވަޞީލަތްތައް މަދުވުމާއި، ރާއްޖޭގެ ނާޒުކު ތިމާވެށްޓަކީ އަބަދުވެސް ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަޙާ ބެހޭ މަޢުލޫމާތު ވެސް އެ ވަފުދުގެ ބޭފުޅުންނާ ރައީސް ވަނީ ހިއްސާ ކުރައްވައިފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގަތީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވި ނަމަވެސް ރާއްޖޭގައި ކާފިއު ހިންގާފައި ނުވާ ކަމަށާއި، އަދި އާންމު ދިރިއުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރަން ވާނެ ކަމަށާއި މި ތަފާތުތައް ހުރިކަމުގައިވިއަސް އެއްޤައުމު އަނެއް ޤައުމަކާ ދޭތެރޭ ކަންކުރަންވާނީ ހަމަހަމަ ކަމާއެކު، އެއްޢާއިލާއެއްގެ މެންބަރުންގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް