ދެވަނަ ޑިވިޝަންގެ ސެމީ: ފޯރި ގަދަ ކުރިމަތިލުންތަކެއް!

ގްރޫޕް ސްޓޭޖުގައިދަ ގްރޭންޑޭ އަމީގޯސް ނިއުޖެނެރޭޝަނުން ޒެފްރޯލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާ އިރު، ސެމީ ފައިނަލްގެ ދެ މެޗު އޮންނާނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުގައެވެ. މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފޯރިގަދަކޮށް ދިޔަ އިރު، މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ދެ ކްލަބުވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.

ސެމީއަށް ދަތުރު ކުރީ ހަތަރު ޓީމަކީ ދިވެހި ސިފައިންގެ ކްލަބާއި، ދަ ގްރޭންޑޭ އަމީގޯސް ނިއުޖެނެރޭޝަންގެ އިތުރުން ޖޭޖޭ ސްޕޯޓްސް އަދި ކްލަބު ޕީކޭއެވެ.

މީގެ ތެރެއިން ޖޭޖޭ އަކީ މިދިޔަ އަހަރުވެސް ދެވަނަ ޑިވިޝަންގެ ސެމީއަށް ދަތުރުކުރި ޓީމެކެވެ. އަދި ސިފައިންގެ ކްލަބަކީ އެންމެ ފަހުގެ ތިން ވަނަ ޑިވިޝަން ޗެމްޕިއަން ޓީމެވެ. ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސިފައިން ސެމީއަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ގްރޫޕްގެ ދެވަނަ ލިބުނު ޕީކޭ ސެމީއަށް ދިޔައީ ދެ މެޗުން މޮޅުވެގެންނެވެ. ހާއްސަކޮށް ވަރުގަދަ ކުޑަ ހެންވޭރުވެސް ބަލިކޮށްފައެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ލިބުނީ ޖޭޖޭ ސްޕޯޓްސްއަށެވެ. އަދި ދެވަނަ ލިބިގެން ސެމީއަށް ދިޔައީ ދަ ގްރޭންޑޭ އަމީގޯސް ނިއުޖެނެރޭޝަން އެވެ. އެ ދެޓީމުވެސް ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވެއެވެ. ދަ ގްރޭންޑޭ އަމީގޯސް ނިއުޖެނެރޭޝަނާއި ޖޭޖޭ ކުޅުނު މެޗު އެއްވަރުވެފައިވާ އިރު، ޖޭޖޭއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

ދެ ގްރޫޕަށް ބަހާލައިގެން ދެވަނަ ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަން ޓީމަށް މާލޭ ލީގުން ޖާގަ ލިބޭނެއެވެ.

ދެވަނަ ޑިވިޝަންގެ ސެމީގެ މެޗުތައް:

ސެމީ ފައިނަލް އެކެއް

3 މެއި 2018

16:00 ދިވެހި ސިފައިންގެ ކްލަބު - ދަ ގްރޭންޑޭ އަމީގޯސް ނިއުޖެނެރޭޝަން

ސެމީ ފައިނަލް ދޭއް

4 މެއި 2018

16:00 ޖޭޖޭ ސްޕޯޓްސް ކްލަބު - ކްލަބު ޕީކޭ

މިއަހަރުވެސް ދެވަނަ ޑިވިޝަން ސެމީގެ މެޗުތަކާއި ފައިނަލްވެސް ކުރިއަށްދާނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. ފައިނަލް އޮންނާނީ އަންނަ މަހު އަށް ވަނަ ދުވަހުގައެވެ.

comment ކޮމެންޓް