ހުޅުމާލޭގައި ކާގޯ ވިލެޖެއް އަޅަން ނިންމައިފި

ޓީޓީއެމް ހޮޓެލިއާ ސަމިޓްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ/ މޯލްޑިވްސް ގެޓްއަވޭސް

‎ހުޅުމާލޭގައި ކާގޯ ވިލެޖެއް އަޅަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

ބަޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި ޓްރެޗެލް ޓްރޭޑް މޯލްޑިވްސް ހޮޓޭރިއޭ ސަމިޓް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހުޅުމާލެ ކާގޯ ވިލެޖް އަޅަން ރައީސް ނިންމެވިކަން އިއުލާންކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

‎މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ކުރިން ހުޅުލޭގައި އެޅުމަށް ނިންމާފައިވާ ކާގޯ ސަރަހައްދު ހުޅުމާލޭގައި އެޅުމަށް ރައީސް ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ކާގޯ ވިލެޖް އާ ހުޅުލެ ކާގޯ، ބްރިޖެއް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

‎ހުޅުމާލެ ކާގޯ ވިލެޖް އެޅުމުގެ ސަބަބުން ރިސޯޓްތަކަށް ކަންކަން ފަސޭހަ ވެގެން ދާނެ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"މީގެ ސަބަބުން ބޮންޑުކުރާ ސާމާނާ މުދާ، އަދި އެއާ ޓު ސީ ކާގޯގެ ތެރެއިން ރިސޯޓުތަކަށް އަންނަ މުދާ، އަދި ސީ ޓު އެއާ ކާގޯގެ ތެރެއިން އެކްސްޕޯޓުކުރާ މަސް ހުޅުމާލެއިން އެކްސްޕޯޓުކުރަން ފެށޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

‎އިކޮނޮމިކް މިނިސްޓަރު ވަނީ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ އިގްދިސޯދީ ބޮޑެތި މަސައްކަތްތަކުގެ ވާހަކަތައް ހޮޓޭރިއާ ސަމިޓްގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

"ރައީސް ޔާމީން އަށް ފަސް އަހަރުު އަދި އިތުރަށް ދީފިނަމަ ދިވެހިރާއްޖެ މި ސަރަހައްދުގައި އިގްދިސޯދީ ގޮތުން ވަރަށް ކާމިޔާބުވާނެ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް