ވެލިނަގަން މޫދަށް އެރިއުޅުނު މީހަކު މަރުވެއްޖެ

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް: އެރަށުން ވެލިނަގަން ދިޔަ މީހަކު މަރުވެގެން މިއަދު ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައި -- ފޮޓޯ/ ފޭސްބުކް

ޅ. ނައިފަރު ކައިރީ އޮންނަ ފަޅު ރަށަކަށް ވެލިނަގަން ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.

ނައިފަރު ކައުންސިލުން ބުނީ، 55 އަހަރުގެ އެމީހަކީ އާމްދަނީ ހޯދުމުގެ ގޮތުން ބަނގްލަދޭޝް މީހުން ގޮވައިގެން ވެލި ނަގަން ދާ މީހެއް ކަމަށާއި އާދައިގެ މަތިން މިއަދު ވެސް އެމީހުން ދިޔައީ ވެލި ނަގަން ކަމަށެވެ.

މަރުވި މީހާއާއެކު ވެލިނަގަން ދިޔަ ބިދޭސީ މީހަކާ ހަވާލާދީ ކައުނޗސިލުން ބުނީ، ވެލިއަޅައި ނިމުމަށްފަހު އެހެން ދުވަހެކޭ ވެސް އެއްގޮތަށް އެމީހުންގެ ވެރިމީހާ މޫދަށް އެރުނީ ގައިން ވެލި ފިލުވާލަން ކަމަށެވެ. އަދި އޭނާ ނައިސް ގިނައިރުވުމުން ހޯދަން ދިޔައިރު ފެންމަތީގައި އޮއްވާ ފެނިފައިވާ ކަމަށާއި ގޮސް ނެގިއިރު އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައިވާ ކަމަށް ބިދޭސީންނާ ހަވާލާދީ ކައުންސިލުން މައުލޫމާތު ދެއެވެ.

އެ ރަށުގައި އެވަގުތު ދަތުރު ގޮސް އުޅުނު އިތުރު ދިވެހިންތަކެއް ވެސް އެވަގުތު އެތަނަށް އައިސް ހަށިގަނޑު ބެލި ކަމަށާއި ނަމަވެސް އެއްވެސް ހަރަކާތެއް ނެތުމުން އަވަހަށް ނައިފަރަށް ގެނެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މަމްނޫ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މަރުވި މީހާގެ ހަށިގަނޑުން އެއްވެސް ކަހަލަ ހާނިއްކައެއް ފެންނަން ނެތް އިރު އޭނާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ބަލައިފައެވެ. އަދި އެ މަރުގައި އެއްވެސް ކަހަލަ އާދަޔާ ހިލާފް ކަމެއް ހިނގާފައިވޭތޯ ފުލުހުން ބަލަމުން އަންނަކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް