ރިޔާޒުގެ ދަބަސް މަޖިލީހުގެ ސެކިއުރިޓީން ބަލައި ފާސްކުރުމުން ހިތްހަމަ ނުޖެހިއްޖެ

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ---ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު މަޖިލީހަށް ވަޑައިގެންނެވި އިރު ޑޮކިއުމެންޓްސްތައް އަޅައިގެން ގެންދެވި ދަބަސް މަޖިލީހުގެ ސެކިއުރިޓީން ބަލައި ފާސް ކުރުމުން އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރިޔާޒު ވިދާޅުވީ އެ ދަބަސް ބަލައި ފާސްކުރުމަކީ މީގެ ކުރިން ހިނގާފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ދަބަހާ އެކު މިއަދު ވަނަން ދިއުމުން ސެކިއުރިޓީން އޭނާ ހުއްޓުވައި ހިންގި އަމަލުތަކަކީ އުސޫލަ ހިލާފަށް ކުރި ކަމެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މަޖިލީހުން އަމަލުކުރާ ގަވާއިދުގައި އެބައޮވޭ މިތަނަށް ވެއްދޭނެ އެއްޗިއްސާ ނުވެއްދޭނެ އެއްޗިހި އެހެންވީމާ، އެހެން އޮންނަ އިރު އެ އުސޫލާ ހިލާފަށް ކަންތައް ކުރުމަކީ މެމްބަރުންގެ ކަރާމާރާމާތައް ހުރަސްއެޅޭ ގޮތަށް ކުރެވޭ ކަންކަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ ބޭރުން ހިފަހައްޓައި އެއްޗެހި ބާލައި ޗެކްކުރެވޭ އުސޫލެއް ނޯންނާނެ ކަމަށެވެ. އަދި "ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް މަޖިލީހުގެ ގަވާއިދުގައި ލިޔެފައި އެބައޮތް" ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މި އިއްޒަތްތެރި މަޖިލީހުގެ އެހެން މެމްބަރަކަށް މިހެންވާން އަޅުގަނޑު ނޭދޭތީ މިވާހަކަ މިދަންނަވަނީ،" ރިޔާޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހުގައި ކަން ކަން ހިނގަމުން ދަނީ މީގެކުރިން ވެސް ކަންތައްތައް ހިނގަމުންދާ ގޮތަށް ކަމަށެވެ. އެހެންވެ އެކަމަށް މެމްބަރުން ސަމާލުވުމަށް މަސީހު ވިދާޅުވި އެވެ.

comment ކޮމެންޓް