އަޒަރުބައިޖާންގައި ހުންނަ ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަޒަރުބައިޖާންގައި ހުންނަ ޓްރަމްޕް ޓަވަރުގައި އަލިފާން ރޯވެ އަނދަނީ --

އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ހުންނަ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި، އެ ޓަވަރުގެ މެދު ފަންގިފިލާތަކުން ވަރަށް ބޮޑަށް ދުން އަރަމުންދެއެވެ.

އެ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު އަލިފާން ނިއްވާ މީހުން، އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދިޔައެވެ. އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، ރަސްމީ ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެ ދިހަ އަހަރު ކުރިން ހަދަން ފެށި އެ ޓަވަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްލަވައިގެންނެވީ 2012 ވަނަ އަހަރެވެ. ނަމަވެސް މިހާތަނަށް އެ ޓަވަރު ހުޅުވައިފައެއް ނުވެއެވެ.

މީގެ ތިން ހަފްތާ ކުރިން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައިވެސް ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާގައި އުމުރުން 67 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

އޭގެ އިތުރުން މިއަހަރު ޖެނުއަރީ މަހުވެސް ނިއުޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައި ރޯވިއެވެ. އެ ހާދިސާގައި އާންމުންގެ ދެ މީހަަކަށާއި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

comment ކޮމެންޓް