ބޮޑެތި ކުންފުނިތަކުން ޕްލާސްޓިކް ބޭނުންކުރުން މަދުކުރަނީ

ކޮކާ ކޯލާ، ޔުނިލިވާ އަދި ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުން ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ގިނައިން ބޭނުންކުރާ މި ބްރޭންޑުތަކުން ޕްލާސްޓިކަށް ނޫނެކޭ ބުނަން ނިންމީ އެންވަޔަރަންމެންޓް އެޑްވޮކަސީ ގްރޫޕް "ރެޕް" އިން ކުރިއަށްްގެންދާ ކެމްޕެއިނަކަށް އިޖާބަ ދިނުމަށެވެ. އެގޮތުން 2025ގެ ނިޔަލަށް އެކުންފުނިތަކުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކޮށް، ރިސައިކަލް ކުރަން މަސައްކަތް ކުރާނެއެވެ.

އެގޮތުން މި ކުންފުނިތަކުން މިހާރު ނިންމާފައިވަނީ އިނގިރޭސިވިލާތުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރުމަށެވެ. ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާނެ އޯލްޓަނޭޓިވްސް ދެނެގަނެ ޕެކޭޖިންގައި އެތަކެތި ބޭނުންކުރަން ކުންފުނިތަކުން ވަނީ ނިންމައިފައެވެ. އަދު ކުރިއަށް އޮތްތަނުގައި އިތުރު އެހެން ގައުމުތަކަށްވެސް މި ކެމްޕެއިން ފުޅާކުރާނެއެވެ.

ދުނިޔޭގައި ޕްލާސްޓިކް ބޭނުންކުރާމިންވަރު ފާއިތުވި އަހަރުތަކުގެ ތެރޭގައި 20 ޕަސެންޓް އިތުރުވެފައިވާއިރު ކުރިއަށް އޮތް 50 އަހަރު ތެރޭ މި އަދަދު ދެގުނަވާނެ ކަމަށް ބެލެވެއެވެ.

މިހާރު ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ރިސައިކްލް ކުރެވެނީ އެންމެ 14 ޕަސެންޓެވެ. 2030 އަންނަންވާއިރަށް ޔޫރަޕްގެ ގައުމުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް އޮބްޖެކްޓްސް އެއްކޮށް މަނާކުރަން ޔޫރަޕިއަން ޔޫނިއަން އިން ވަނީ ނިންމައިފައެވެ. މި ނިންމުމަށް އިޖާބަދީ ގިނަ ގައުމުތަކެއްގައި މިހާރު ވަނީ ހޮޓާ ރެސްޓޯރެންޓުތަކުގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލައިފައެވެ.

އިނގިރޭސިވިލާތުގައި ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑުކޮށްފައިވާއިރު ޕްލާސްޓިކް ފުޅި ރިސައިކަލް ކުރުމުން ބަދަލުދޭ ސްކީމެއް ފަށަންވެސް އެ ގައުމުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް