"ރެނާޓަސް އިތާމުތް" އިން އެޕާޓްމެންޓް ގަތް މީހުންނަށް ރަމްޒީކޮށް ތަޅުދަނޑި ހަވާލުކޮށްފި

ރެނާޓަސް އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މަތީފަންތީގެ ފްލެޓް އިމާރާތް --- ސަން ފޮޓޯ: އާއިޝަތު ފަރީހާ

ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ރެނާޓަސް އިން ހުޅުމާލޭގައި ތަރައްގީކުރި މަތީފެންވަރުގެ އެޕަޓްމެންޓް ހިމެނޭ އިމާރާތުން އެޕާޓްމެންޓް ގަތް މީހުންނާ ރަމްޒީކޮށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

މިއަދު އިތާމުތް އިމާރާތުގައި ބޭއްވި ހަފްލާއެއްގައި ތަޅުދަނޑި ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ. މިނިސްޓަރު އަޒްލީން ވަނީ އެ އިމާރާތް ބައްލަވާ ލައްވައިފައެވެ.

ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ރެނާޓަސް އިތާމުތް އިމާރާތަކީ މަތީފެންވަރުގެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެޕާޓްމެންޓްތަކެއް ކަމަށާއި ރާއްޖޭގައި ފުޅާވަމުން އަންނަ މި ދާއިރާގައި ކުރިއަށް އޮތްތަނުގައި މިފަދަ ޒަމާނީ ވަސީލަތްތައް ގާއިމް ކުރާންޖެހޭ ކަމަށެވެ.

މިއީ ދެން އިމާރާތްކުރާ ހައުސިން އެޕާޓްމެންޓްތަކުގެ މަސައްކަތް ކުރާ މީހުންނަށް "ބެންޗް މާކެއް" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ފަހުން އިމާރަތްކުރެވުނު އެޕާޓްމެންޓްތަކާ އަޅާބަލާއިރު މިއީ މޮޑާން ފްލެޓްތަކެއް. މިތަނުގެ ޑިޒައިންވެސް ވަރަށް ތަފާތު. މިތަނުގެ ފެންވަރު ވަރަށް ރަނގަޅު،"

ރެނާޓަސް އިތާމުތް އިމާރާތުގައި 72 ފްލެޓާއި ޖެނެރަލް ޖިމް އެއްގެ އިތުރުން އިންޓާނަލް ހޯމްތިއޭޓާ އެއްވެސް ހުރެއެވެ.

މި އިމާރާތުގައި:

އެއް ކޮޓަރީގެ 12 އެޕާޓްމެންޓު (ފެށޭ އަގު: 1.25 މިލިޔަން ރުފިޔާ)ދެ ކޮޓަރީގެ 12 އެޕާޓްމެންޓު (ފެށޭ އަގު: 1.8 މިލިޔަން ރުފިޔާ)ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 12 އެޕާޓްމެންޓު (ފެށޭ އަގު: 1.8 މިލިޔަން ރުފިޔާ)ތިން ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 32 އެޕާޓްމެންޓު (ފެށޭ އަގު: 2.6 މިލިޔަން ރުފިޔާ)ތިން ކޮޓަރި ހުންނަ، ހަތަރު ޕެންޓްހައުސް އެޕާޓްމެންޓު

އަށް ބުރީގެ މި އިމާރާތުގެ އެޕާޓްމެންޓުތައް އިފްތިތާހުކޮށްދެއްވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 720 ދުވަހެވެ. ނަމަވެސް މަސައްކަތް ނިންމާލާފައިވަނީ 520 ދުވަހުން ކަމަށާއި އެއީ ކޮންޓްރެކްޓް މުއްދަތުގެ 200 ދުވަސް އަވަސް މުއްދަތެއް ކަމަށް ރެނާޓަސް އިން ބުންޏެވެ. އެކަން ފާހަގަ ކުރައްވައި މިނިސްޓަރު އަޒްލީން ވިދާޅުވީ މިކަމުން އެކުންފުނީގެ ގާބިލްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ހުޅުމާލޭގެ ވޯޓާފްރަންޓުގައި އަޅާފައިވާ މި އެޕާޓްމެންޓް ބިލްޑިންގް ގެ ގްރައުންޑް ފްލޯއާއި ފުރަތަމަ ފްލޯ ޚާއްސަކޮށްފައިވަނީ ހައި އެންޑް ޝޮޕިންގް ފެސިލިޓީތަކަށެވެ. މީގެ އިތުރުން މި އިމާރާތުގައި ޖިމަކާއި، ސިނަމާ ހޯލެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ކާރާއި ސައިކަލު ޕާކު ކުރަން ޚާއްސަ ޕާކިންގް ސްޕޭސްތައް ހުންނާނެއެވެ.

އިމާރާތުގެ ކޮރިޑޯތައް ފަރުމާ ކޮށްފައިވަނީ ގުދުރަތީ އައްޔާއި ވައި ދައުރު ކުރާނެ ފަދަ ގޮތަކަށެވެ.

ރެނާޓަސް އިތާމުތް އިމާތާރުގެ މަސައްކަތް ކުރި ކުންފުންޏަކީ އިންޑިއާގެ އިތުރުން ރާއްޖެެ އާއި މޮރިޝަސް ގައިވެސް އިމާރަތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ މޮރިޝަސްގެ ސުޕްރީމު ކޯޓުގެ މަސައްކަތާއި އިންޑިއާގައި ވެސް ހައުސިން އިމާރާތްތަކެއްގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޓުއަރިޒަމް ސްޓަޑީސް އާއި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މަރާމާތުގެ މަސައްކަތްވެސް ކުރީ އެ ކުންފުނިންނެވެ.

ރެނާޓަސް އިތާމުތް އެޕާޓްމެންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވެސް ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ރެނާޓަސް ކުންފުނީގެ ވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

ރެނާޓަސް އިން ބުނީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެޕާޓްމަންޓް ގަތް މީހުންނަށް އެތަނުގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށެވެ.

comment ކޮމެންޓް