ދެ ކޮރެއާއިން މިއަހަރު ތެރޭ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފި

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާއި އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ޕީސް ހައުސްގައި -- ފޮޓޯ: އޭޕީ

ސޯލް (އޭޕްރިލް 27): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން މިއަދު ބައްދަލު ކުރައްވައި، މިއަހަރު ތެރޭ އެދެގައުމުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމަވައިފިއެވެ.

ދެ ކޮރެއާ ގުޅޭ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)ގައި އޮންނަ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދެ ލީޑަރުން ވަނީ 'ޕަންމުންޖޮމް ޑެކްލަރޭޝަން'ގައި ސޮއި ކުރައްވައިފައެވެ.

އެ ޑެކްލަރޭޝަންގައި ވަނީ 1950 އިން 1953 އަށް ދެ ކޮރެއާގެ މެދުގައި ކުރިއަށް ދިޔަ ހަނގުރާމަ ރަސްމީކޮށް ނިންމާލުމުގެ ގޮތުން، އެދެ ގައުމުން މިއަހަރު ތެރޭ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާ އެކު އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ބޯޑަރު ހުރަސް ކުރައްވަނީ -- ފޮޓޯ: ގެޓީ

އެހަނގުރާމަ މީގެ ކުރިން ނިންމާލީ ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި ދެގައުމުން ހަމަލާ ބަދަލު ކުރުން ހުއްޓާލަން ހެދި އެއްބަސްވުމަކާ އެއްކޮށެވެ.

މީގެ އިތުރުން އެ ޑެކްލަރޭޝަނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ކޮރެއަން ޕެނިންސުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލަން މަސައްކަތް ކުރުން
  • މިއަހަރުގެ ސެޕްޓެމްބަރު މަހާއި ޑިސެމްބަރު މަހާ ދޭތެރޭ ރައީސް މޫން އުތުރު ކޮރެއާއަށް ވަޑައިގަތުން
  • އަންނަ މަހުން ފެށިގެން ދެ ކޮރެއާ ވަކިކޮށްދޭ ބޯޑަރުގައި ޕްރޮޕަގަންޑާ ބްރޯޑްކާސްޓު ކުރުން ހުއްޓާލުން
  • ކޮރެއާ ހަނގުރާމައިގެ ސަބަބުން ދެ ކޮރެއާއަށް ބައިބައިވެފައިވާ އާއިލާތައް ބައްދަލު ކުރުމުގެ ފުރުސަތު އޮގަސްޓު 15ގައި ދިނުން
  • ދެ ކޮރެއާ އާއި އެމެރިކާއާ އެއްކޮށް އަދި ދެ ކޮރެއާ އާއި އެމެރިކާ އާއި ޗައިނާއާ އެކު މަޝްވަރާތައް ބާއްވަން މަސައްކަތް ކުރުން ހިމެނެ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ދެކުނު ކޮރެއާއަށް މިއަދު ކުރެއްވި ދަތުރުފުޅަކީ 1953 ވަނަ އަހަރުގެ ފަހުން އުތުރުގެ ލީޑަރަކު ދެކުނު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ދެ ގައުމު ވަކިކޮށްދޭ ބޯޑަރު ކިމް ހުރަސް ކުރެއްވި ފަހުން، ރައީސް މޫން ޖޭ އިންވެސް ވަނީ ބޯޑަރު ހުރަސް ކުރައްވައި އުތުރު ކޮރެއާގައި ކުޑަ ވަގުތުކޮޅަކަށް މަޑު ކުރައްވައިފައެވެ.

ޕަންމުންޖޮމްގައި އޮތް ބައްދަލުވުމަށް ކިމް ވަޑައިގެންނެވީ ނުވަ އޮފިޝަލުންނާ އެއްކޮށެވެ. އޭގެ ތެރޭގައި ކިމްގެ ކޮއްކޯފުޅު އަދި އުތުރުގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ، ކިމް ޔޯ ޖޮންގް ހިމެނުނެވެ. ކިމް ޔޯ ޖޮންގް ވަނީ ދެކުނު ކޮރެއާގައި ފެބްރުއަރީ މަހު ބޭއްވި ވިންޓާ އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ވަނީ މިދިޔަ މަހު ޗައިނާއަށް ވަޑައިގެން ރައީސް ޝީ ޖިންޕިންގްއާ ބައްދަލު ކުރައްވައިފައެވެ. އަދި އަންނަ މަހު ނުވަތަ ޖޫން މަހު ކިމްއާ ބައްދަލު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް