އެމްޓީސީސީއިން އާންމު ހިއްސާދާރުން އުފާކޮށްލައި، ބޮޑު ފައިދާއެއް ބަހަން ފާސްކޮށްފި

އެމްޓީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެމްޓީސީސީން ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 2.6 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

އެމްޓީސީސީގެ ހިއްސާއެއްގެ މޫނުމަތީ އަގަކީ މީގެ ކުރީގައި 50 ރުފިޔާއެވެ. އެހެން ނަމަވެސް އެކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާއެއްގެ އަގު ފަސް ރުފިޔާއަށް ކުޑަކޮށް، މީގެ ކުރިން އޮތް ކޮންމެ ހިއްސާއަކީ 10 ހިއްސާ ކަމަށް ކަނޑައަޅާފައެވެ.

މިރޭ ހޮޓެލް ޖެންގައި ކުރިއަށް ދިޔަ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 2.6 ރުފިޔާ ބެހުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 501 ހިއްސާދާރުންގެ ތެރެއިން 450 ހިއްސާދާރުންގެ ވޯޓާ އެކުގައެވެ. އެއީ ޖަލްސާގައި ބައިވެރިވި 89 ޕަސަންޓު ހިއްސާދާރުންގެ އަގުލަބިއްޔަތެވެ.

https://sun.mv/94044

އެމްޓީސީސީން ބުނި ގޮތުގައި ހިއްސާއަކަށް ބެހުމަށް މިރޭ ފާސްކުރި އަދަދަކީ ކުންފުނީގެ މުއައްސިސުން 1980 ވަނަ އަހަރު ގަތް ކޮންމެ ހިއްސާއަކަށް 52 ރުފިޔާގެ ފައިދާއެވެ.

ޖުމްލަކޮށް ހިއްސާގެ ފައިދާގެ ގޮތުގައި އެމްޓީސީސީން ބަހަނީ 20.9 މިލިޔަން ރުފިޔާއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވި ގޮތުގައި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް ދެގުނަ އަދަދެކެވެ.

"މިދިޔަ އަހަރު 12 މިލިޔަން. މިއަހަރު ގާތްގަނޑަކަށް 21 މިލިޔަަން ޕޭ މި ކުރީ. ގާތްގަނޑަކަށް ބުނާ ނަމަ ޑަބަލް ބޮޑުވެގެން މި ދިޔައީ. އެ ވެސް އެމްޓީސީސީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބަލަނީ. ނިސްބަތުން ހިއްސާއަކަށް ޖެހޭ މިންވަރު ފަސް ރުފިޔާއަށް ބަދަލުވީމާ ފައިދާއަށް 2.6 ރުފިޔާ ވާ ނަމަ އެއީ ދެގުނައަށް ވުރެ އިތުރަށް ޕޭ ކުރެވެނީ. ވަރަށް ބޮޑުތަން ބޮޑުވެގެން ދިޔައީ،" ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީގެ ޗެއާމަން އަހްމަދު ނިޔާޒު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހިއްސާގެ އަގުގެ ދެގުނައަށް ވުރެ ބޮޑު އަދަދެއް ފައިދާގެ ގޮތުގައި ޖެހުމާ އެކު އާންމު ހިއްސާދާރުން ތިބީ އުފަލުންނެވެ. ހިއްސާދާރުން ހިޔާލު ފާޅުކުރުމަށް ދިން ފުރުސަތުގައި އާންމު ހިއްސާދާރުންވެސް ވަނީ އެމީހުންގެ އުފާވެރި އިހުސާސްތައް ހިއްސާކޮށްފައެވެ.

"ކުންފުނި މިދިޔަ އަހަރު ނިމުނު އިރު ވަރަށް ބޮޑު އުސްމިންތަކަކަށް ގޮސް ބިޔަވެއްޖެ. މިކަންކަން ހާސިލުވުމުގައި ވަރަށް ބޮޑު ސިއްރެއް ވާކަން ޔަގީން. އެ ސިއްރަކީ ކުންފުނީގެ ބޯޑާއި މެނޭޖުމެންޓާއި ހީވާގި އާރުކާޓީން މެދުނުކެނޑި ކުރި މަސައްކަތުގެ ނަތީޖާ،" އާންމު ހިއްސާދާރަކު ޚިޔާލު ފާޅުކުރަން ބުންޏެވެ.

comment ކޮމެންޓް