ވެރިކަމުގައި ދެ ދައުރަށްވުރެ އިތުރަށް ރައީސް ޔާމީން ބަހައްޓާނެ ގޮތެއް އެބަ ވިސްނަން: ނިހާން

"ސަލާމަތީ ބާރުތަކާއި އެކު ރައްޔިތުން" މި ނަމުގައި ވެސްޓްޕާސް ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ނިހާން ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު، އިތުރު ދައުރުތަކަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުގައި ބެހެއްޓޭނެ ގޮތެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

"އަހުންވެސް ރައީސް ޔާމީނާއެކު" ގެ ނަމުގައި ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ، ރައީސް ޔާމީން 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރައްވައި ނިމުމާއެކު، އިތުރަށް ރާއްޖޭގެ ވެރިކަމުގައި ބަހައްޓާނެ ގޮތެއް ހެދުމަކީ އޭނާގެ ވިސްނުންފުޅެއް ކަމަށެވެ.

"ރައީސް ޔާމީން އިރާދަކުރެއްވިއްޔާ 2018 އިން ފެއްޓިގެން 2023 އާހަމައަށް ވެރިކަން ކުރައްވާފައި ނިމުނީމަ ދެން އެމަނިކުފާނު އިތުރަށް ރާއްޖޭގެ ވެރިކަމުގައި ބަހައްޓާނެ ގޮތެއް ވިސްނުން ދެން އަޅުގަނޑުގެ ވިސްނުމުގައި އޮތީ. މާނައަކީ ގާނޫނު އަސާސީގައި މިއޮތީ ފަސް ދައުރުގެ ދެ ދައުރު އެއީ 10 އަހަރު. މި ސްޕީޑުގައި ރާއްޖެ ތަރައްގީ ކުރުމަށް މިވާހަކަ މިދައްކަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، އެގޮތް ވެސް ފެންނާނެ ކަމަށާއި އެގޮތް މިންވަރު ކުރައްވާނެ ކަމަށެވެ.

"އެހެންް ވެއްޖިއްޔާ އަދި އިތުރު ދައުރުތަކަކަށް އެމަނިކުފާނު ބެހެއްޓޭނެ ގޮތްތަކެއް އަޅުގަނޑުގެ ބޮލުގައި ކޮންމެ ރެއަކާ ދުވާލަކު ވިސްނުމުގައި އޮވޭ، އެހެންވެ އެވާހަކަ ބޮޑު ތިލަދުން މަތިން ހުވަފެނެއްގެ ގޮތުގައި އަޅުގަނޑު ހިއްސާކޮށްލަން. ﷲ އިރާދަކުރެއްވިއްޔާ އެ ގޮތްވެސް ފެންނާނެ. އެގޮތް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ،" ނިހާން ވިދާޅުވި އެވެ.

ދިވެހިރާއްޖެ ތަރައްގީ ކުރާނެ ރަސްމީ ބާނީ އަކީ އަދި ގައުމު ޒަމާނަށް ފަޚްރުވެރިވާނެ ރައީސް އަކީ ރައީސް ޔަމީންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 194 ރަށަށް އެވްރެޖްކޮށް ކޮންމެ ރަށެއްގައި 10 މަޝްރޫއު ގާއިމްކޮށްދެއްވާފައިވާ ކަމަށެވެ.

އަދި އިތުރު ފަސް އަހަރެއް ދީފިކަމަށްވާނަމަ، އެ ގުނަ އިތުރު ގުނަތަކަކަށް ބަދަލުވެގެން ދިއުމަކީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ޑިމޮކްރަސީ ނެތްކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހަތަށް ދާކަމަށް ބުނެ އަނެއްކާވެސް ރައްޔިތުން ގުނބޯ ހައްދައިގެން 24 ގަޑިއިރު މަގުމައްޗަށް ނެރެން އިދިކޮޅު ފަރާތްތަކުން އުޅޭ ކަމަށް ނިހާން ވިދާޅުވިއެވެ.

"އެފަދަ ކަންތައްތަކަށް ޖާގައެއް ނުދެވޭނެ،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް