ރައީސް ޔާމީނަކީ ދީނީ ވަރުގަދަ ލީޑަރެއް، އިގްތިސާދީ ބަތަލެއް: މައުރޫފް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި މައުރޫފް ވާހަކަފުޅުދައްކަވަނީ ---- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ދީނީ ވަރުގަދަ ލީޑަރެއްގެ އިތުރުން އިގްތިސާދީ ބަތަލެއް ކަމަށާއި އެކަމާ ދިވެހީން ފަޚުރުވެރިވާންޖެހޭ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

"އަހުންވެސް ރައީސް ޔާމީނާއެކު"ގެ ނަމުގައި ޕީޕީއެމުން ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް ޔާމީނަކީ ދީނީ ވަރުގަދަ ލީޑަރެއްގެ އިތުރުން ސިޔާސި ވަރުގަދަ ލީޑަރެއް ކަމަށާއި އިގްތިސާދީ ގޮތުން ވެސް އެއީ ބަތަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ވަރުގަދަ ރައީސުންގެ ތެރޭގައި ރައީސް ޔާމީންގެ ނަން އޮތުމަކީ ދިވެހީން ފަޚުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.

ރައީސް ޔާމީނަކީ މިއަދު ވިއްކަން އުދަނގޫ ލީޑަރެއް ނޫންކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ނ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށް އަންނައިރު ކޮންމެ އަތޮޅަކަށް މިލިއަނުން، ބިލިއަނުން ފައިސާ ޚަރަދު ކޮށްފައި ހުރިކަން އެނގޭ ކަމަށާއި އެއީ ކުޑަ އަދަދެއް ނޫން ކަމަށެވެ.

ރައީސް ޔާމީނުގެ އިގްތިސާދީ ވިސްނުމާއެކު ރާއްޖޭގެ ޓޫރިޒަމަށް ގެންނަމުންދާ އިންގިލާބީ ބަދަލުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ ނިސްބަތް 12000 ޑޮލަރަށް އިތުރުވެގެންދާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ދެވަނަ ދައުރެއް ހައްގު ރައީސް އެއް. ދެވަނަ ދައުރެއް އެމަނިކުފާނަށް ދީފިނަމަ ރާއްޖޭގެ ތަރައްގީ ދިވެހީން ހުވަފެނުގައި ވެސް އިހުސާސަށް ވެސް ތަސައްވުރެއް ވެސް ނުގެނެވޭނެ ފަދަ ކޮށްދެއްވާނެ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޔާސީ ބަޔާނެއްގައި ރައީސް ޔާމީން ވައުދުވެފައިވާ ވައުދެއް ނުފައްދަވައި ދުލެއް ނުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު އިތުރު ދައުރަކަށް ހޮއްވަވައިފިނަމަ ހއ. އަތޮޅު ގައި ސަރުކާރުން ގާއިމްކުރަން ނިންމަވާފައިވާ އައިހެވަން މަޝްރޫއު ވެސް ކާމިޔާބު ވެގެންދާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާއެކު އެމްޑީއޭ ކޯލިޝަންގައި އޮވެގެން މިހާ ހިސާބަށް އޭދެވުނީތީ މާތްﷲ ހަމްދުކުރާ ކަމަށެވެ. އަދި އެމްޑީއޭގެ ލީޑަރު މިވަގުތު ވެސް ހުންނެވީ ރައީސް ޔާމީނާއެކު ކަމަށާއި އެ އަޒުމަކަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"[ކޯލިޝަނެއްގެ ތެރޭގައި އޮތުމަށް އެމްޑީއޭއީން] އިޚްތިޔާރުކުރީ އަމިއްލަ އެދުމެއް އޮވެގެން ނޫން. ގައުމީ މަސްލަހަތާއި ގައުމީ ތަރައްގީއާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ރައީސް ޔާމީން ކޮށްދެވޭ ޔަގީންކަން އޮތީމަ. މިއަދު އެ ޔަގީންކަން ވަނީ 1000 ގުނަ އިތުރުވެފައި. އަބަދުވެސް ތިބޭނީ ރައީސް ޔާމީނާއެކީގައި،" މައުރޫފް ވިދާޅުވި އެވެ.

comment ކޮމެންޓް