ހިތަދޫން ގެއްލިގެން ހޯދަމުންދާ ދެ ކުދީންގެ އާއިލާތަކަށް ގުޅުއްވައި، އާދަމް ޝަރީފް ހިތްވަރުދެއްވައިފި

ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުުރުމުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދީންގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ތިން ކުދީންގެ ތެރެއިން ނެގި ބިޔަރާޅުތަކާ އެކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ، ހިތަދޫ ޗަނބޭލީގެ އަލީ ފަހުމީ،17 އާއި އެ ރަށު ޓޮޕާޒް، މަޔާމިން އަލީ،14 އެވެ.

އެ ހާދިސާގައި ސަލާމަތް ވެފައިވަނީ، އަލީ ރާއިފު،17 އަހަރު އެކަންޏެވެ.

އޭނާ ސަލާމަކޮށްދިނީ، އޮއިގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި އަތުން އިޝާރާތް ކުރާތަން ފެނިގެން، އެ ވަގުތު ފުއްޓަރު ފަރާތުގައި ހުރި ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީ އެވެ. އޭނާ އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ.

ގެއްލުނު ދެ ކުދިންގެ އާއިލާތަކަށް ޑިފެންސް މިނިސްޓަރު ގުޅުއްވައި މިއަދު ވަނީ އެކުދިން ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް ހިއްސާ ކޮށްފައެވެ.

އަދި އެ ކުދިން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީން ރައީސްގެ ފަރާތްޕުޅުން އެ އާއިލާތަކަށް ދެއްވި އެވެ.

ގެއްލުނު ދެ ކުދީން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އިތުރުން އާންމުން ވެސް ބައިވެރިވަމުންދާއިރު، ހެލިކޮޕްޓަރާއި ޑްރޯން ބޭނުން ކޮށްގެންނާއި ޑައިވަރުންނާއި އެކު ކަނޑުގެ އަޑީގެ ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ. އަދި ޑައިވިން ރޮބޯޓް ވެސް ވަނީ ބަލަމުންނެވެ.

comment ކޮމެންޓް