ބައެއް ދަރިންގެ އަޅާލުން ނުލިބި، މަރާ ހަނގުރާމަ ކުރަމުންދިޔަ މަރިޔަމްދިޔެ ނިޔާވެއްޖެ

ދ. ކުޑަހުވަދޫ ރިވަރިން، މަރިޔަމްދިޔެ، އައިޖީއެމްއެޗްގައި އައިސީޔޫގައި އެޑްމިޓްކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ދެ ދަރިއެއްގެ ފަރާތުން އަޅާލުން ނުލިބި، މަރާ ހަނގުރާމަ ކުރަމުންދިޔަ އައްޑޫ ސިޓީއަށް އުފަން މަރިޔަމްދިޔެ އިރުއޮއްސުނުފަހުން ނިޔާވެއްޖެ އެވެ.

ދ. ގެމެންދޫން ކުޑަހުވަދުއަށް ބަދަލުވި އެރަށު ރިވަރިން، މަރިޔަމްދިޔެ ނިޔާވެފައި މިވަނީ، ދެ ކިޑްނީ ފެއިލްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ތިން މަހަށްވުރެ ގިނަ ދުވަސްވަންދެން މަރާ ހަނގުރާމަ ކުރަމުންދަނިކޮށެވެ. ނިޔާވިއިރު އޭނާގެ ފުރަމޭ ވެސް ވަނީ ފެއިލް ވެފައެވެ.

މަރިޔަމްދިޔެގެ ދެ ކިޑްނީ ފެއިލްވެ ދޮށީ ދެ ދަރިންނާއެކު، މާލެއަށް ގެނައީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މަރިޔަމްދިޔެގެ ހާލު އިތުރަށް ގޯސްވީ ހަވާލުގައި އައި ދެ ދަރިންގެ އިހުމާލުން ކަމަށް ބުނެ އޭނާގެ އަންހެން ދަރިއަކު ވަނީ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އެގޮތުން، ދޮއްޓަށް ތިބި ދެ ފިރިހެނުން މަރިޔަމްދިޔެއަށް އެހީވުމުގެ ނަމުގައި މަކަރާއި ހީލަތުން އެހެން މީހުންގެ އަތުން ފައިސާ ނަގާފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފައިސާއެއް މަންމަގެ ބޭސްފަރުވާއަށް ހޭދަކޮށްފައިނުވާ ކަމަށް އޭނާގެ އަންހެން ދަރިއަކު ވަނީ ބުނެފައެވެ. އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަރިޔަމްދިޔެ ހޮސްޕިޓަލުގައި ބާއްވައި އޮންނަނީ އެކަނިމާ އެކަނި ކާނެ އެއްޗެއްވެސް ނުދީ ކަމަށާއި ދާއިމީ ޑަޔަލިސިސްއެއް ހަދަން ހަށިގަނޑުގެ ތެރެއަށް ލައްވަން ޖެހޭ ހޮޅިކޮޅެއް ލެއްވުމަށް ހޮސްޕިޓަލުން އެންގި ނަމަވެސް، އެކަމަށް ވެސް ފަރުވާ ކުޑަކޮށް، ދޮއްޓަށް ތިބޭ ދެ ފިރިހެން ކުދިން އެކަން ކޮށްފައި ނުވާ ކަމަށް ވެސް ދޮށީ އަންހެން ދަރި ތުހުމަތު ކުރެއެވެ.

އެކަށީގެންވާ ފަރުވާ ނުލިބިގެން މަރިޔަމްދީ މިއަދު ނިޔާވެގެން ދިޔަ ކަމަށް އާއިލާއިން ތުހުމަތު ކުރާއިރު، އޭނާ ބެއްލެވި ޑޮކްޓަރުން ވެސް ބުނަނީ، މަރިޔަމްދިޔެގެ ހާލު އިތުރަށް ގޯސްވެގެން ދިޔައީ ޑަޔަލިސިސް އަށް ލައްވަންޖެހޭ ހޮޅިކޮޅު ނުލެއްވިގެން ކަމަށެވެ.

އަދި ސަން އިން ކުރި މަސައްކަތުން މަރިޔަމްދިޔެގެ ހަވާލުގައި މާލެއައި ދޮށީ ދެ ފިިރިހެން ކުދިން ފައިސާ ހޯދަނިކޮށް ފެނިފައިވާ ބައެއް މީހުންނާ ވެސް ވަނީ ބައްދަލުވެފައެވެ.

އެކަމާ ގުޅޭގޮތުން ސަން އިން ވާނީ ރިޕޯޓެއް ވެސް ގެނެސްދީފައެވެ.

comment ކޮމެންޓް