އަދީބު ރާއްޖޭން ބޭރަށް ދާން ޑޮކްޓަރު ލިޔުމެއް ނުދޭ: ދައުލަތް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ސަންފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޑޮކްޓަރު ލިޔުން ދީފައި ނުވާކަމަށް ދައުލަތުން މިއަދު ސިވިލް ކޯޓުގައި ބުނެފިއެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުން އިހުމާލުވާ ކަމަށް ބުނެ އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އަދީބު ރާއްޖޭން ބޭރަށް ދާން ޑޮކްޓަރު ލަފާ ދެއްވާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އަދީބުގެ ވަކީލު ވިދާޅުވީ ދައުލަތުން ފާޅުގައި ދޮގު ހަދަމުން ދާ ކަމަށެވެ. އަދި އަދީބު ރާއްޖޭން ބޭރަށް ޑޮކްޓަރަށް ދެއްކުމަށް ލިޔުންދީފައިވާކަން އެޗްއާރުސީއެމްއާއި ފުލުހުންނަށްވެސް ރަނގަޅަށް އެނގޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގައި ދައުލަތުން ހަދަނީ ދޮގުކަން ކޯޓަށް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅައި ދިނުމަށް ވަކީލު ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.

އަދީބުގެ ފަރާތުން ވަކީލު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުން ވަރަށް ބޮޑަށް އިހުމާލުވަމުން ދާ ކަމަށެވެ. އެންމެ ފަހުންވެސް ލޯ ދެއްކުމަށް ގެންގޮސްފައިވަނީ ހަމުގެ ޑޮކްޓަރެއް ކަމަށް ވަކީލު ވިދާޅުވިއެވެ.

" މާފުއްޓަށް މިދިއަ ހަފްތާގައިވެސް ޑޮކްޓަރަކު ގެންދިޔަ އަދީބުގެ ލޯ ދެއްކުމަށް. އެކަމަކު ގެންދިޔައީ ހަމުގެ ޑޮކްޓަރެއް،" ވަކީލު ވިދާޅުވިއެވެ.

ދައުލަތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނީ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ގައިދީއަކު ފޮނުވުމަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައި ހުންނަ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ މެޑިކަލް ބޯޑަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެކަން އަދީބުގެ ފަރާތުން ކޮށްފައި ނުވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އަދީބުގެ ވަކީލު ވިދާޅުވީ ދައުލަތުން ފާޅުގައި އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށެވެ. މެޑިކަލް ބޯޑަށް އެމައްސަލަ ހުށަހެޅުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށާއި ޑޮކްޓަރު ލަފާދެއްވުމުން އެ ލިޔުން މެޑިކަލް ބޯޑަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދިއުމުގައި ދައުލަތުން އިހުމާލުވެފައި ވާކަމަށެވެ.

އަދީބުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށް ބުނެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭގެ އިތުރުންވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު ބޭސްފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސްއިން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ކޮޅު ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ އަދީބަށް އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

comment ކޮމެންޓް