ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާނެ ކަމަށް ބެލެވޭ: މެކްރޮން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޭޕްރިލް 26): ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްރޮން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާނެ ގޮތެއް ޔަގީން ނުވާ ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް (ޓްރަމްޕް) ނިންމަވާނެ ގޮތެއް ނޭނގޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދާހިލީ ސަބަބުތަކާ ހެދި (އެމެރިކާ) އެއްބަސްވުމުން ވަކިވާނެ،" މެކްރޮން ވިދާޅުވި އެވެ.

މެކްރޮންގެ ދަތުރުފުޅުގައި އޭނާ ވަނީ އާނިއުކްލިއާ އެއްބަސްވުމެއް ހެދުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރައްވާފައި އެވެ.

އަދި އަލަށް އެކުލަވައިލާ އެއްބަސްވުމުގެ ދަށުން އީރާނުން އެއްވެސް އިރެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވައި، ޔަމަން، ސީރިއާ، އިރާގު އަދި ލުބުނާނު ފަދަ ގައުމުތަކުގައި އީރާނުގެ ނުފޫޒު ފެތުރުން ކުޑަ ކުރަން ޖެހޭނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.

އީރާނުގެ އެއްބަސްވުމަށް ޓްރަމްޕް ފާޑު ވިދާޅުވަނީ އޭގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލަން އަންގާފައި ނުވާތީ އެވެ. އަދި އެ އެއްބަސްވުމަށް ބަދަލު ނުގެނެސްފި ނަމަ އެމެރިކާ އެއްބަސްވުމުން ވަކިވާނެ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް އިންޒާރު ދެއްވާފައި އެވެ.

ނަމަވެސް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ހަތް ގައުމަކުން ސޮއި ކޮށްފައިވާ އެއްބަސްވުމަކަށް ބަދަލު ގެނައުމުގެ ހައްގު އެމެރިކާ އާއި ފްރާންސަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެފައި އެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާއިން އެ އެއްބަސްވުމުން ވަކިވެއްޖެ ނަމަ، އީރާނުން ވެސް އެފަދައިން އަމަލު ކުރާނެ ކަމަށް ބުނެފައި އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް