ސްޓޫޑެންޓް ލޯނަށް އެދޭއިރު ސެޓްފިކެޓްތަކުގެ އަސްލު ހުށަހަޅަން އިތުރު މުއްދަތެއް

2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަތީ ތައުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނަށް އެދޭއިރު ހުށަހަޅަންޖެހޭ ސެޓްފިކެޓްތަކުގެ އަސްލު ހުށަހަޅަން އިތުރު މުއްދަތެއް ދީފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ޝާއިއު ކުރި އިއުލާނުގައި ބުނީ ލޯނަށް އެދި މާޗު މަހުގެ ނިޔަލަށް އީ މެއިލް މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންތަކުގެ އަސްލުު އެ ޑިޕާޓްމަންޓަށް ހުށަހެޅުމަށް ވަކި ތާރީހެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ބައެއް ފަރާތްތަކުން ސެޓްފިކެޓްތަކުގެ އަސްލު ހުށަހަޅާފައިނުވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ ސެޓްފިކެޓްތަކުގެ އަސްލު ހުށަނާޅާ ފަރާތްތަކަށް ސެޓްފިކެޓްތަކުގެ އަސްލު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހޯމަ ދުވަހާ ހަމައަށް ސެޓްފިކެޓްތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލާވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މާޗް މަހު، ސްޓޫޑަންޓް ލޯނުގެ 500 ފުރުސަތުު ހުޅުވާލިއެވެ. ސާކްގެ ގައުމުތަކުގެ އިތުރުން، މެލޭޝިއާ، ޗައިނާ، ފިލިޕިންސް އަދި ތައިލެންޑުގެ ޔުނިވަސިޓީތަކުގައިވެސް އެ ފުރުސަތުގެ ދަށުން ކިޔެވެއެވެ.

comment ކޮމެންޓް