އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރު ކޮށްދިނުމަށް ދައުލަތުން ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ހާޒިރުކުރުމަށް ޓަކައި މާލެ ގެންނަނީ: އޭނާއާ ދެކޮޅަށް ވަނީ ސިއްރު ތިން ހެއްކެއް ހުށަހަޅާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ތިން ހެކިން ސިއްރުކޮށްދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފި އެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތް ފެށުމުގެ ކްރިން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. އެގޮތުން ދައުލަތުން ތިން ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު އުއްތަމަ ފަނޑިޔާރުގެ ފަރާތުން ވަނީ 11 ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލު ޝަހުމާ ޝަރީފް ހުށެހެޅި ތިން ހުށެހެޅުމަކީ ވެސް ސިއްރު ތިން ހެކިވެރިންނާއި އެ ތިން ހެކިވެރިނާ ގުޅުން ހުރި ހުރިހާ ލިޔެކިޔުމެއް ވެސް ސިއްރުކޮށްދިނުމުގެ އަމުރަކަށް އެދި އެވެ.

ސަބަބެއްގެ ގޮތުގައި ޝަހުމާ ފާހަގަކުރެއްވީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކިބަސްދޭ އެ ތިން ހެކިން ހާމަވެއްޖެ ނަމަ އެ މީހުންނަށް ލިބިދާނެ ޖިސްމާނީ ގެއްލުމަކުން ސަލާމަތް ކުރުމާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ހެކި ހާމަވެއްޖެ ނަމަ އެ ހެއްކެއް ނައްތާލައި ހެކީގެ އަސްލު އޮޅުވާލުމުގެ ފުރުސަތު އޮތުމުން ވެސް ހެކި ސިއްރުކޮށްދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުށަހެޅުއްވި ގިނަ ހުށެހެޅުންތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހުރުމުން ދައުވާ ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުންތަކެކެވެ. އެގޮތުން ދައުވާ ފޯމްގައި ޕީޖީ ނޫން އެހެން ބޭފުޅަކު ސޮއިކުރާ ނަމަ އެ ބޭފުޅެއް ސޮއިކުރެއްވުމުގެ ހުއްދަ ދިން ކަމުގެ ލިޔުމެއް ލިބިފައި ނެތްކަން އުއްތަމަ ފަނޑިޔާރުގެ ވަކީލު ނުރައްސަލާމް އަބޫބަކުރު ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށަހަޅާފައިވާ ސިއްރު ތިން ހެކިވެރިންގެ ހެކިބަސް ގަބޫލުނުކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ސިއްރު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހަކީ އުއްތަމަ ފަނޑިޔާރު އެ ކުށް ކުރި ކަމަށް ބުނާ ތަނުގައި ހުރި މީހެއް ކަމަށާއި އެހެންކަމުން އޭނާއަކީ ވެސް އެކުށުގެ ބައިވެރިއެއް ކަމަށް ވާނެ ކަމަށެވެ.

އަދި ސިއްރު އެއް ހެކިވެރިޔަކީ އެހެން މީހަކު ބުނާ ބުނުމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކެއް ކަމަށްވުމުން އޭނާގެ ހެކިބަސް ވެސް ނުނެގުމަށް އެދިފިއިވެ އެވެ.

ސިއްރު ތިން ހެކިންގެ ހެކި ބަސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި ނަމަ އެމީހުންގެ މައުލޫމާތު އުނިކުރުމަށް ފަހު ބަޔާންތަކާއި އެހެން ލިޔުންތައް ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި އެވެ. އަދި ތަހުގީގާ ގުޅޭ އެންމެހައި ލިޔުންތަކާއި ވީޑިއޯ އަދި އޯޑިއޯތައް އުއްތަމަ ފަނޑިޔާރަށް ލިބޭނެ ގޮތަށް ވަކި މުއްދަތެއް ކަނޑައަޅައި ދައުލަތަށް ދިނުމަށް އެދި ހުށަހަޅި އެވެ.

އެ މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮންނަނީ ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ވަކިވަކިން ވާހަކަ ދެއްކުން ކަމަށް މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް