ޓްރަމްޕް ރުއްސުމަށް ޓަކައި ޔޫރަޕްގެ ބޮޑު ތިންބާރުން އީރާނާ ދެކޮޅަށް ޕްލޭނެއް އެކުލަވާލަނީ

ޔޫރަޕްގެ ބޮޑު ތިންބާރުގެ ލީޑަރުން

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިނުވުމުގެ މުހިއްމުކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިސްނައިދީ ޓްރަމްޕް ރުއްސުމަށް ޓަކައި ޔޫރަޕްގެ ބޮޑު ތިންބާރު ގުޅިގެން ޕްލޭނެއް ތައްޔާރުކުރަމުން ގެންދާކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފަ އެވެ.

ޔޫރަޕްގެ ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި މި ޕްލޭން ބިނާވެފައި ވަނީ އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމާ ދެކޮޅަށް ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށެވެ. ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތަށް އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ މައްސަލަ ނިއުކްލިޔާ އެއްބަސްވުމުގައި ހިމަނާ ގޮތަކަށް ނޫނެވެ. އޮބާމާގެ ދުވަސްވަރު އެމެރިކާ ސޮއިކޮށްފައިވާ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވާން ޓްރަމްޕް ބޭނުން ވަނީ އޭގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުން ނުހިމެނޭތީ އެވެ.

މީގެއިތުރުން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް އީރާނުން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުން ވެސް ނިއުކްލިޔާ އެއްބަސްވުމުގައި ހިމަނަން ޖެހޭނެކަމަށާއި މިދެ ބައި ނިއުކްލިޔާ އެއްބަސްވުމުގައި އަލުން ނުހިމަނާ ނަމަ އެއެއްބަސްވުމުން އެމެރިކާ ވަކިވާނެކަމުގެ އިންޒާރު ޓްރަޕްމް ވަނީ ދެއްވައިފަ އެވެ.

މިކަމަށް ޓްރަމްޕް މަސައްކަތް ކުރައްވަނީ އިސްރާއީލުގެ ބާރުއެޅުމުގެ މަތިންނެވެ. އިސްރާއީލާ ދެކޮޅަށް މުޅި ސަރަހައްދުގައި ވެސް ހަރަކާތްތެރިވާ ހަމައެކަނި ގައުމަކީ އީރާން ކަމަށްވާއިރު އީރާނުގެ އަސްކަރީ ފިޔަ ކޮށާލުމަށް އިސްރާއީލު ވަރަށް ބޮޑަށް ބޭނުންވެ އެވެ. އިސްރާއީލާ ކުރިމަތިލުމުގެ ގާބިލްކަން ލިބިފައިވާ އަރަބި ގައުމުތަށް އެމެރިކާ އާއި އިސްރާއީލުގެ ރޭވުމުގެ ދަށުން މިހާރު ވަނީ ހަލާކުކޮށްލާފަ އެވެ. މީގެތެރޭގައި އިރާގު ސޫރިޔާ އަދި ލީބިޔާ ހިމެނެ އެވެ.

މިސްރަކީ އިސްރާއީލާ ސުލްޙަވެ އިސްރާއީލަށް އިޢްތިރާފް ވެފައިވާ ގައުމެކެވެ. ސައޫދީ އަކީ ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދާ ގައުމެކެވެ. ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ރައްޔިތުންނަށް ހައްގުތަކެއްވާ ކަމަށް ވިދާޅުވެފަ އެވެ. މިއީ އަރަބި ބެލްފޯ ޑެކްލަރޭޝަން ކަމަށް އިސްރާއީލުން ދެކެ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލާގައާއި ގުދްސުގެ މައްސަލާގައި ވެސް ސައޫދީގެ މާބޮޑު އަޅާލުމެއް މިހާރަކު ނެތެވެ. ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ އީރާނާ ކުރިމަތިލުމުގައި އިސްރާއީލާއި ސައޫދީގެ މަސްލަހަތު އެއްގޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އީރާނުގެ އަސްކަރީ ބާރުކަނޑުވާލައި އީރާންގެ އަތްފައި ބަނދެލެވިއްޖެ ނަމަ ސަރަހައްދުގައި އިސްރާއީލަށް ދެން އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް އިސްރާއީލާއި އެމެރިކާ ދެކެ އެވެ.

އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތަކީ އިސްރާއީލާ ކުރިމަތިލުމުގެ ގާބިލްކަން ލިބިފައިވާ ދެޖަމާއަތެވެ. މިދެ ޖަމާއަތާ އެތަށް ފަހަރަކު ކުރިމަތިލައިގެން ވެސް އިސްރާއީލަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. އަދި އިސްރާއީލު އެތައް ފަހަރެއްގެ މަތިން ހަނގުރާމަ ފަށައިގެން ވެސް އެދެޖަމާއަތް ބަލިކޮށްލެވިފައެއް ނުވެ އެވެ.

މިއާ ޚިލާފަށް ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އަރަބި ގައުމުތަކަކީ އެމެރިކާގެ އަސްކަރީ އެހީތެރިކަމާނުލައި ހަފްތާއެއްވަންދެން ވެސް އެގައުމުތަކުގެ ވެރިކަން ވެސް ދެމެހެއްޓޭވަރުގެ ގައުމުތަކެއް ނޫންކަމަށް ޓްރަމްޕް އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ. މިއާއެކު ގަލްފުގެ ގައުމުތަށް އެމެރިކާ އިން ގަންނަ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ހަތިޔާރުގެ ބޭނުމާމެދުވަނީ ސުވާލު އުފެދިފަ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށާއި އެއިން އެމެރިކާ ވަކިވިޔަ ނުދިނުމަށް ޓަކައި ޔޫރަޕްގެ ބޮޑު ތިންބާރު ގުޅިގެން ތައްޔާރުކުރާ ޕްލޭން ޓްރަމްޕަށް ވަރަށް އަވަހަށް ހުށަހަޅާނެ އެވެ. ނަމަވެސް އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުން އެއެއްބަސްވުމުގައި ހިމަނާ ގޮތަށް ނޫނީ އެއެއްބަސްވުމުގައި އެމެރިކާ ދެމިއޮތުމަށް ޓްރަމްޕް ބޭނުންނުވާނެ ކަމަށް މުރާސިލުން ބުނެ އެވެ.

އީރާނުން ވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނައުމުގެ ފުރްސަތު ނުދޭނެކަމަށް ބުނެފަ އެވެ. އަދި ބަލިސްޓިކް މިސައިލް ޕްރޮގްރާމާއި އީރާނުން މެދުއިރުމައްޗަށް ނުފޫޒު ހިންގާކަމަށް ބުނާ މައްސަލަ (ހިޒްބުﷲ އާއި ހަމާސްއަށް އެހީފޯރުކޮށްދޭ މައްސަލަ) ވެސް އޭގައި ނުހިމެނޭނެ ކަމަށްބުނެ ފައެވެ. މީގެ އިތުރުން އެ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ރައްދުގައި އަޅާނެ ކިތަންމެ ފިޔަވަޅުތަކެއް އެބަހުރި ކަމަށާ އޭގެތެރޭގައި ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާއިން އީރާން ވަކިވުމާއި މަތީފެންވަރަކަށް ޔޫރޭނިޔަމް ފައްކާކުރުން ވެސް ހިމެނޭނެ ކަމަށް އީރާނުން ބުނެފައިވެ އެވެ.

ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވެއްޖެ ނަމަ އެގައުމުގެ ނިއުކްލިޔާ ހަރަކާތްތަށް ބަލައި ޗެކްކުރުމުގެ ހުރިހާ ހައްގުތަކެއް އދ. އަށް ގެއްލިގެންދާނެ އެވެ. އޭރުން އީރާނުން ނިއުކްލިޔަރ ބޮމެއް އުފެއްދި ނަމަވެސް އެކަން އެނގޭނެ ގޮތެއްވެސް އދ. އަކަށް ނޯންނާނެ އެވެ. އުތުރުކޮރެޔާއާއި ޕާކިސްތާނާއި އިންޑިޔާއާއި އިސްރާއީލުން ވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި ބައިވެރި ނުވެއެވެ.

އީރާނުގެ ނިއުކްލިޔާ މުހިއްމު މަރުކަޒުތައް ވަނީ ފަރުބަދަތަކުގެ އަޑީގަ އެވެ. ބޭރަށް ފެންނަން ހުންނަނީ ނިއުކްލިޔާ އިންޖީނުގެތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް