ސަރަހައްދުގެ އެންމެ މަގުބޫލު ސްޕާ މަންޒިލުގެ އެވޯޑަށް ރާއްޖެ ވާދަކުރަނީ

ވޯލްޑް ސްޕާ އެވޯޑްސް 2017ގައި ރާއްޖެއަށް ލިބުނު އެވޯޑަކާ، އެމްއެމްޕީއާރުސީގެ އެކްޓިންގް އެމްޑީ ހާރިސް މުހައްމަދު ހަވާލުވެވަޑައިގަންނަވަނީ -- ފޮޓޯ/ ވޯލްޑް ސްޕާ އެވޯޑްސް

މި އަހަރުގެ އޮކްޓޫބަރު މަހުގެ 26 ސެއިންޓް ރީޖިސް ވޮށްމުލީގައި ބާއްވާ ދުނިޔޭގެ ސްޕާތަކުގެ އެވޯޑުގައި، އިންޑިއާ ކަނޑު ސަރަހައްދުގެ އެންމެ މަގުބޫލު ސްޕާ މަންޒިލުގެ އެވޯޑަށް ދިވެހިރާއްޖެ ކުރެއެވެ.

ވޯލްޑް ސްޕާ އެވޯޑްސް 2015 ވަނަ އަހަރު ދޭން ފެށި އިރު، އެ އަހަރުން ފެށިގެން މިހާތަނަށް މި އެވޯޑު ލިބިފައި ވަނީ ދިވެހިރާއްޖެ އަށެވެ.

https://sun.mv/102623

އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ސްޕާ މަންޒިލުގެ އެވޯޑު ހަތަރު ވަނަ ފަހަރަށް ދިފާއުކުރުމަށް ރާއްޖެ ނުކުންނަ އިރު، އެ އެވޯޑަށް ދެން ވާދަކުރަނީ އިންޑިއާ ކަނޑުގައި އޮންނަ، އެފްރިކާގެ ދެ ޖަޒީރާ ކަމުގައިވާ މޮރީޝަސްއާއި ސީޝެލްސް އެވެ.

މި އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި މުޅި ދުނިޔޭގެ ބައިން ރާއްޖޭގެ ދެ ޕްރޮޕަޓީއެއް ދަނީ އެވޯޑަށް ވާދަކުރަމުންނެވެ.

އެގޮތުން، ދުނިޔޭގެ އެންމެ މަގުބޫލު ޕްރައިވެޓް އައިލެންޑް ސްޕާގެ އެވޯޑަށް، ރާއްޖޭގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ "ސްޕާ މައި ބްލެންޑް ބައި ކްލެރިންސް" ދަނީ ވާދަކުރަމުންނެވެ.

އަދި ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑިޒައިންގެ އެވޯޑަށް ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގެ އިރިޑިއަމް ސްޕާ ދަނީ ވާދަކުރަމުންނެވެ. މި އެވޯޑު މިދިޔަ އަހަރުވެސް ލިބުނީ ސެއިންޓް ރީޖިސް ވޮށްމުލިއަށެވެ.

ވޯލްޑް ސްޕާ އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑް ޓްރެވަލް އެވޯޑްސް"ގެ ފަރާތުން، ސްޕާ ޓުއަރިޒަމްގެ ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

މި އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގެ އިވެންޓް ޕާޓްނަރުންނަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް، އެރޯމާތެރަޕީ އެސޯސިއޭޓްސް ލަންޑަން، ބީޖީއޭ ކޯޕް އަދި ކިއުއެމްއެސް މެޑިކޮސްމެޓިކްސް އެވެ.

comment ކޮމެންޓް