ހޯދަމުންދިޔަ ބަނގްލަދޭޝް މީހާގެ ހަށިގަނޑު ފެނިއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ކ. އޮޅުހަަލީގައި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގެ މަސައްކަތެއް ކުރުމަށް މޫދަށް ފޭބި ފަހުން ނުފެނިގެން ހޯދަމުންދިޔަ ބަނގްލަދޭޝް މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ.

އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ ހަތް މީޓަރު އަޑިން ކަމަށާއި އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މަސައްކަތެއް ކުރުމަށް މޫދަށް ފޭބި ބިދޭސީ މީހާ ގެއްލިގެން އެމްއެމްޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ 20:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މޫދަށް އެރިއުޅުނު ބިދޭސީއަކު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ފެނިފައިވާއިރު، ހުޅުމާލޭ ފަތާ ޓްރެކްގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު ވަނީ ރޭ މަރުވެފައެވެ.

އަދި ހުކުރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީން ގެއްލުނު ދެ ކުޑަކުދިން ހޯދުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް