އަވޭ ލެގު ކާމިޔާބުކޮށް ރެއާލްއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މާސެލޯގެ ގޯލަށްފަހު ރެއާލްއިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

ބަޔާންގެ ދަނޑު، އެލިއަންޒް އެރީނާގައި ރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ ފަހަތުންއަރައި 2-1ގެ ނަތީޖާއަކުންނެވެ.

މިދިޔަ ދެ އަހަރުވެސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ރެއާލްގެ ޑިފެންސަށް ރޭގެ މެޗުގެ ފެށުން ދިޔައީ އުނދަގޫ ކޮށެވެ. ހާއްސަކޮށް ބަޔާންގެ ކުރިއަށް ކުޅެމުންދިޔަ ރޮބާޓް ލެވަންޑޮސްކީއާއި ޖަރުމަނުގެ ފޯވަޑް ތޯމަސް މުލާގެ ފަރާތުން ނުރައްކާތައް ކުރިމަތިވެފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ބަޔާންގެ ފޯވަޑް އާރްޔެން ރޮބެންއަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހިފައިވާ އިރު، ފުރަތަމަ ހާފްގައި ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެންގަށް ލިބުނު އަނިޔާއާއެކު އޭނާވެސް ވަނީ ބަދަލުކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ބަޔާންއަށް ލީޑު ނަގައިދިނީ ކަނާތް ފަޅިން ފަހަތަށް ކުޅެމުންދިޔަ ޖޯޝުއާ ކިމިޗެވެ.

ކިމިޗްގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ބާޔަންއިން ލީޑުގައި އޮވެ ހާފް ނިންމާލަން ދިޔަ ނަމަވެސް، ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ރެއާލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މާސެލޯގެ ރީތި ގޯލަކުންނެވެ.

ދެވަނަ ހާފަށް ރެއާލް ނުކުތީ އިސްކޯގެ ބަދަލުގައި މާކޯ އެސެންސިއޯ އަރުވައިގެންނެވެ. ރެއާލްގެ ކޯޗުގެ އެ ބަދަލު ފާހަގަކުރެވުނީ ވަރަށް ބޮޑަށް ޓެކްޓިކަލް ބަދަލެއްގެ ގޮތުގައެވެ. ހާއްސަކޮށް ބަދަލާއެކު ރެއާލްއިން ވަރަށް ބޮޑަށް ކައުންޓާ އެޓޭކްތައް ވަރުގަދަ ކުރަން ފެށިއެވެ.

މެޗުގެ ދެވަނަ ހާފްގައި ބަޔާންގެ ފްރޭންކް ރިބެރީއާއި ލެވަންޑޮސްކީގެ އިތުރުން މުލާގެ ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. އެ ފުރުސަތުތައް ނާކާމިޔާބު ވެފައިވާ އިރު، ރެއާލްއިން ލީޑު ނެގީ ބަޔާން ޑިފެންޑަރު ރަފީނިއާއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ބަޔާންއިން ކުރިއަށް ޖެހިފައި އޮތް ވަގުތެއްގައި ޓީމުގެ ފަހަތަށް އައި ބޯޅަ ރަފީނިއާ ކުރިއަށް ޖައްސާލި ނަމަވެސް ލިބުނީ ރެއާލްގެ ފޯވަޑް ލޫކަސް ވަޒްކުއޭޒަށެވެ. ކައުންޓާ އެޓޭކްގައި ވަޒްކުއޭޒާއެކު ބައިވެރިވި އެސެންސިއޯއަށް މުޅިން ހުސްކޮށް ބޯޅަ ލިބުނު އިރު، ރެއާލްގެ ދެވަނަ ގޯލް އޭނާ ކާމިޔާބުކުރީ ފަސޭހަކަމާ އެކުގައެވެ.

ރެއާލްއާއި ބަޔާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް ރެއާލް ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފައެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައިވެސް ޔޫރަޕްގެ އެންމެ ވަރުގަދަކޮށް ފާހަގަ ކޮށްލެވޭ ރެއާލްއިން ޖެހިޖެހިގެން ތިންވަނަ ޗެމްޕިއަންސް ލީގަކަށް ޓާގެޓް ހިފާފައިވާ އިރު، މީގެ ކުރިން ޔޫރަޕްގެ މުބާާރާތެއްގެ ތަށި ޖެހިޖެހިގެން ތިން ފަހަރަށް ހޯދައިފައިވާ ހަމައެކަނި ޓީމަކީ ބަޔާންއެވެ. 1974، 1975 އަދި 1976 ވަނަ އަހަރު ގައިވެސް ބަޔާންއިން ވަނީ އޭރު އޮންނަ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރަތް ޖެހިޖެހިގެން ތިން ފަހަރު ހޯދައިފައެވެ.

ބަޔާންއާއި ރެއާލް ވާދަކުރާ ސެމީ ފައިނަލް ދެވަނަ ލެގު އޮންނާނީ އަންނަ މަހު އެއްވަނަ ދުވަހުގެ ރޭގައެވެ. އެ މެޗު އޮންނާނީ ރެއާލްގެ ސަންތިއޭގޯ ބާނަބޭއޫގައެވެ.

comment ކޮމެންޓް