އިންޑިއާ ކަނޑުގައި ހިނގާ ''އޮއިވަރުތަކުން'' ރާއްޖެ ސަލާމަތްކުރަން އާ ސިޔާސަތުތަކެއް ވަނީ ކަނޑައެޅިފައި: މިނިސްޓަރު

އާދަމް ޝަރީފް އުމަރު--ސަން ފޮޓޯ/ އަފްރާހް

އިންޑިއާ ކަނޑުގައި ހިނގަމުންދާ ތަފާތު ކަންތައްތަކާއެކު ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން މަސައްކަތްކުރަން ޖެހޭ އާ ސިޔާސަތުތަކެއް ކަނޑައެޅިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުުރުމުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމުގެ މާ ބޮޑު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވައިފައެއް ނުވެއެވެ.

ނަމަވެސް ވިދާޅުވީ، އިންޑިއާ ކަނޑުގައި ހިނގަމުންދާ ''ތަފާތު އޮއިވަރުތަކާ'' އެކީގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ކަނޑައެޅި އާ ސިޔާސަތުތަކަށް މަސައްކަތް ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

ދިވެހިންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުނަކީ އިސްލާމްދީންކަން ފާހަގަކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ޝިއާރު ފާޅުކުރާ ގައުމަކަށްވުމަކީ އިސްލާމްދީނުގެ އަދުއްވުންނަށް އެހާ ފަސޭހައިން ގަބޫލު ކުރެވޭ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވެނީ ވެސް އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއާ ދޭތެރޭ ތަފާތު އެކި ނަޒަރުތަކުން ދެކޭ ފަރާތްތަކުން ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ އިނގިލި ރާއްޖެއަށް ދިއްކުރުމުގެ މައިގަނޑު އެއް ސަބަބަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވުން،" މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ރާއްޖެއަށް ގެނައި ބަޣާވާތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އެ ދުވަސްތަކުގައި ރައީސް އަބްދުﷲ ޔާމީން މަސައްކަތްކޮށްދެއްވީ އަމިއްލަ ފުރާނަފުޅާ އަމިއްލަ ނަފްސަށް ބެއްލެވުމެއްނެތި ކަމަށެވެ.

އަދި ރާއްޖެއަށް ރައީސް ޔާމީން ކޮށްދެއްވި ގިނަ މަސައްކަތްޕުޅު ތަކަކާއެކު ގައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމަނިކުފާނު އެ ކުރެއްވި މިންނެތް މަސައްކަތްޕުޅުތައް ދިވެހި ތާރީހުގެ އިތުރުން އަސްކަރީ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އެމަނިކުފާނު ބަޣާވާތް ނާކާމިޔާބު ކޮށްލުމަށް ބޭނުން ކުރެއްވީ އުތުރުގަނޑުބަނޑުގައި މުހައްމަދު އަމީން ބޭނުންކުރެއްވި ފަދަ ހިކުމަތްތެރި ކަންތައްތަކެއް. ހަމައެއާއެކީގައި އެ ބަޣާވާތް ނާކާމިޔާބު ކޮށްލެއްވުމަށް އެމަނިކުފާނު ބޭނުން ކުރެއްވީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކައި އިބްރާހިމް ނާސިރު ބޭނުން ކުރެއްވި އުކުޅުތައް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް