ތިނެއް ނޮވެމްބަރުގެ ފިލާވަޅާއި އެކެއް ފެބްރުއަރީގެ ފިލާވަޅަކީ ދާދި އެއް ފިލާވަޅެއް: ރައީސް ޔާމީން

އޮކްޓޫބަރ 12، 2016: 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުން ލިއްބައިދިން ފިލާވަޅާއި މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފިލާވަޅަކީ ދާދި އެއް ފިލާވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ސފައިންގެ ޚިދުމަތަށް 126 އަހަރު ފުުރުމުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ ހާދިސާއިންވެސް އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް އެބަހުރި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު އެމްއެންޑީއެފްގެ މައި އިދާރާއަށް ވަޑައިގެންނެވި އިރު އެތަނުން އެމަނިކުފާނަށް މަރުހަބާ ކިއީ ސިފައިންގެ ނުގުޑާ އަޒުމް ކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އެމަނިކުފާނު ކުރަމުންދާ މަސައްކަތަށް ފުރިހަމައަށް އެހީތެރިކަން ދިނުމުގައި ސިފައިން ތިބޭނެ ކަމުގެ ޔަގީންކަން ލިބިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ކަންވީ ގޮތް ސާފުކޮށްދެމުން އަދި އެ ހަމަލާ ދޭން ޖެހުނު ސަބަބު ބަޔާން ކޮށްދެމުން ހަމަލާގެ މޭސްތިރިއާ ބުނެފައިވަނީ އެ ހަމަލާ ދޭން ޖެހުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ ފުރުސަތެއް ދެވިފައި ނުވުމުގެ ސަބަބުން އެމަނިކުފާނުގެ ކިބައިން ސަލާމަތް ވުމަށް ބޭރުގެ ބާރެއް ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވިގެން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއަދުވެސް ބުނަމުން އެދަނީ މިއާ މާ ތަފާތު ވާހަކައެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަހަލަ ވާހަކަތަކަކީ ގައުމުގެ މިނިވަންކަމާއި ތޮޅޭ ކޮންމެ ފަހަރަކު އަޅާލެވޭ ހަމައެކަނި ސުރުހީ އެއްގެ ގޮތުގައި ވެގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަމުގެ ހަގީގަތް ހޯދަން ޖެހޭ ކަމަށެވެ.

"ކޮށްލަން ޖެހޭ ސުވާލެއް އެބައޮތް. ފެބްރުއަރީ އެކެއްގެ ހަމަލާ ކާމިޔާބުވިނަމަ އެންމެ ބޮޑު ފައިދާ ލިބޭނީ ކާކަށްތޯ. ކޮން ބަޔަކަށްތޯ. ރޭވިފައިވާ ގޮތަށް ކަންކަން ނުދިޔުމުން އެކަމުގެ ހިތްހަމަ ނުޖެހުން އެންމެ ބޮޑުވެފައިވަނީ ކޮން ބަޔަކަށްތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ތިނެއް ނޮވެމްބަރާއި އެކެއް ފެބްރުއަރީން ދަސްކޮށްދޭ ފިލާވަޅުތަކުގެ ވާހަކަ ވިދާޅުވެދެއްވަމުން ރައީސް ވިދާޅުވީ އެ ދެ ހާދިސާއިން ދަސްކޮށްދޭ އަނެއް ފިލާވަޅަކީ "މަތީ މަގާމްތަކާއި ޝަރަފްތަކަކީ ކޮންމެހެން ގައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝާންތަކެއް ނޫން" ކަމުގައި ކަމެވެ.

"ފެބްރުއަރީ އެކެއްގައި ގައުމުގެ މިނިވަންކަމާއި ޝަރަފް ވިއްކާލީ އެންމެ އިތުބާރު ހިފެނެޖެހޭ މަގާމްތަކުގައި ތިބި މީހުން. ތިނެއް ނޮވެމްބަރުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުމުރުން އެންމެ 20 އަހަރުގެ ޒުވާން ކޯޕްރަލެއް[ޝަހީދު ހުސައިން އާދަމް]. އޭނަގެ ފުރާނައަށް ނުރައްކާވި ވަގުތު އޭނަ އެދުނީ އިތުރު ވަޒަން ފޯރުކޮށްދެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރަފާއި ގައުމީ ނިޝާނާއި އިލުމުގެ ޚަޒާނާއިން މުއްސަނދިވެފައި ތިބި މީހުންނާއި ގައުމަށް ކަމެއް ދިމާވި ދުވަހު ކަންކުރި ގޮތާއި، ޝަހީދު ހުސައިން އާދަމްއާ ދޭތެރެ ގައުމީ ނަޒަރަކުން ބަލާއިރު އަގުބޮޑީ ކާތުތޯ ބަލަންޖެހޭ ކަމަށެވެ.

"ފެބްރުއަރީ އެއްވަނަ ދުވަހު ކެތްތެރިކަމާއިއެކު މަސައްކަތް ނުކުރުވުނު ނަމަ މިގައުމުގައި ވެރިކަން ކުރާނީ ކޮންބައެއްތޯ ވަރަށް ވިސްނުންތެރިކަމާއި އެކު އަޅުގަނޑުމެން ހިތާހިތާ ސުވާލު ކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ހަމަލާ ދެވެނީ އެ ގައުމެއްގެ މީހުން ބޭނުންކޮށްގެން ކަމަށާއި އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ވިދާޅުވެފައިވާ ގޮތުން "މިއަދުގެ ދުނިޔޭގައި ގައުމުތައް އަޅުވެތި ކުރަނީ އެ ގައުމުތަކަށް އަރައި ފަތަހަކޮށްގެން ނޫން ކަމަށާއި އެގައުމުގެ ތެރެއަށް ފިކުރުތައް ފަތުރައިގެން" ކަމަށެވެ.

comment ކޮމެންޓް