ސިފައިން ސާބިތުކަމާއެކު ރައީސްގެ އަރިހުގައި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން: ޝިޔާމް

22 އޭޕްރީލް 2017: ސިފައިންގެ 125ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިފައިން ސާބިތުކަމާއެކު ސިފައިންގެ އެންމެ މަތީވެރިއާ އަދި ރައީސުޖްލުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުގައި ތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސފައިންގެ ޚިދުމަތަށް 126 އަހަރު ފުުރުމުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ސިފައިން ރައީސް ގެ އަރިހުގައި ތިބޭނީ ސާބިތުކާއެކީ ކަމަށާއި އެކަމުގެ ޔަގީންކަން އެމަނިކުފާނަށް އަރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިފައިންނަކީ "މި ގައުމުގައި ބައެއް މީހުން ޕްރައިޒް ޓެގެއް އަޅުވައިގެން އުޅުނު ކަމުގައިވިޔަސް އެކަން ގަބޫލުކޮށް އެކަމަށް ދީލާލާނެ ބައެއް ނޫން" ކަމަށެވެ. އަދި ސިފައިންގެ އެންމެ މަތީ ރޭންކުން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމައަށްވެސް ތިބޭނީ އެގޮތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހިތްވަރުގަދަ މީހާއަކީ ހާދިސާއަކުން ލިބިދާނެ ގެއްލުމަކާއި ދިމާވެދާނެ ނުރައްކަލަކަށް ނުބަލައި ގައުމާއި ދީނުގެ ހައްގުގައި ނުކުންނަ މީހާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ޝިޔާމް ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސިފައިން އަމަލު ކުރި ގޮތުގެ ވާހަކައިން މިސާލު ޖައްސަވާފައެވެ.

އޭނާ ވިދާޅުވީ އޭރާ ޚިލާފަށް ފަހަކަށް އައިސް ކުރިމަތިލާންޖެހޭ އުދުވާންތަކަކީ މުޅިން ތަފާތު ކަންތައްތަކެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މިވަނީ އަޅުގަނޑުމެންގެ ތެރޭގައި ބަސް އަހަންވީ، ބަސް ގަބޫލު ކުރަންވީ ކާކުގެ ކަން. އެވަރުވެސް ނޭނގޭ ހިސާބަށް ގޮސްފައި. އަމިއްލަ އެދުމާއި އަމިއްލަ ފައިދާއާ މިހުރިހާ ކަމަކަށްޓަކައި ގައުމުގައިވެސް ޕްރައިޒްޓެގެއް ޖަހާފަ ދޫކޮށްލަން ތައްޔާރަށް ތިބޭ މީހުން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެއީ ބޮޑުތަކުރުފާނުގެ ޒަމާނުގަޔާއި އަދި އަލި ރަސްގެފާނުގެ ޒަމާނުގައިވެސް އުޅުނު ފަދަ މީހުން ކަމަށެވެ.

comment ކޮމެންޓް