ތުލުސްދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ތުލުސްދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ކ. ތުލުސްދޫގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.

ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުއެވެ.

ސާޅީސް ހަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ އެ މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތުލުސްދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ-- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

އެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ.

އެ މަޝްރޫއުގެ ދަށުން ކ. ތުލުސްދޫގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއެކު އެ ނިޒާމު ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގް އެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މިއަދު ފެށި މަޝްރޫއަކީ ތުލުސްދޫގެ ކުރިމަގަށް އެޅުނު ވަރަށް ރަނގަޅު ފާލަމެއް ކަމަށެވެ.

"ތުލުސްދޫއަކީވެސް މި ސަރުކާރުގައި ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް، ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ނިމިގެންގޮސްފައޮތް ރަށެއް. ބިންހިއްކުމާ ބަނދަރު ހެދުމާ މިއަދު މި އަޅުގަނޑުމެން ފައްޓާ ނަރުދަމާގެ މަސަައްކަތަކީވެސް ތުލުސްދޫގެ ކުރިމަގަށް އަޅާލެވޭ ވަރަށް ބޮޑު ފާލަމަކޭ އަޅުގަނޑު ދަންނަވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް