ބެންގަލޫރު ބަލިކުރި ފުރަތަމަ ދިވެހި ކްލަބަކަށް ނިއު ރޭޑިއަންޓް

އޭއެފްސީ ކަޕްގައި ނިއުއާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 2-0ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބެންގަލޫރުގެ މައްޗަށް ނިއުއިން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. ނިއު ވެގެންގޮސްފައިވަނީ އޭއެފްސީ ކަޕްގައި ބެންގަލޫރު ބަލިކުރި ފުރަތަމަ ދިވެހި ކްލަބަށެވެ. ބެންގަލޫރުން ކުރިން ދިވެހި ޓީމުތަކާ ދެކޮޅަށް ފަސް މެޗެއް ކުޅުނު އިރު، އެޓީމުން ވަނީ އެ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައެވެ.

އެ ނަތީޖާއާއެކު ގްރޫޕްގެ ކުރީގައި އޮތް ނިއު އަދި ބެންގަލޫރަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ނިއުއިން އަމިއްލަ ދަނޑުގައި ބެންގަލޫރު ބަލިކުރި އިރު، އިންޑިއާގައި ކުޅުނު މެޗުގައި ބެންގަލޫރުން ވަނީ ނިއު ބަލިކޮށްފައެވެ.

މެޗުގެ ކުރީކޮޅުން ފެށިގެން ނިއުއިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި، ބެންގަލޫރުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާވެސް ބެންގަލޫރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ނިއުއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ދަގަނޑޭ ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސެންޓޭ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ބެންގަލޫރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނިއުގެ ޕެނަލްޓީ އޭރިއާ ބޭރުން ޗެތުރީ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާންގެ ފައިގައި ޖެހިފައި ވަންނަން ދަނިކޮށް، ގޯލުގެ ލައިން މަތީން ނިއުގެ ޑިފެންޑަރުން ވަނީ ބޯޅަ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓުތެރޭ ނިއުއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. ދަގަނޑޭ އެ ލަނޑު ކާމިޔާބުކުރީ އޭނާއަށް ލިބުނު ހުސް ފުރުސަތެއްގައި ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ނިއުގެ ދެވަނަ ލަނޑަށްފަހު ވެސް އެޓީމުން ދިޔައީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން ލަނޑުޖަހާނެ އެންމެ ގިނަ ފުރުސަތުތަކެއް ލިބިފައިވަނީ ސެންޓޭއަށެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ބެންގަލޫރުގެ ކީޕަރު ލާލްތުއަމާވިއާ ރަލްޓޭއެވެ.

ދެވަނަ ހާފުގައި ބެންގަލޫރަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 65 ވަނަ މިނެޓުގައި އުދަންތާ ސިންގް ކުމާމްއަށް ލިބުނު ފުރުސަތެވެ. ބެންގަލޫރުން ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކީޕަރު އިމްރާން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އުދަންތާ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެއެވެ. ކީޕަރު އިމްރާން ކުރިއަށް ނުކުމެ، ހުރުމާއެކު އޭރު ގޯލު އޮތީ ވަރަށް ހުސްކޮށެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ ސަސްޕެންޝަންގައި ހުރުމުން އެޓީމުގެ ބެންޗުން އޭނާ ފެނިފައެއް ނުވެއެވެ. ރޮކާ ސަސްޕެންޑްކޮށްފައިވަނީ އިންޑިއާގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ރެފްރީންނަށް އަމާޒުކޮށް ރައްދުކުރި ބަސްތަކެއްގެ ސަބަބުންނެވެ.

ގޯލެއްގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް ނިއު ދެން ނުކުންނަން ޖެހޭނީ ބަނގުލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށެވެ. އަންނަ މަހުގެ ދެވަނަ ދުވަހު ކުޅޭ އެ މެޗަކީ ނިއުގެ ހޯމް މެޗެކެވެ.

comment ކޮމެންޓް