ނިއުކްލިއާ އެއްބަސްވުމަށް ބަދަލު ގެންނަން މަސައްކަތް ކުރާތީ ރޫހާނީގެ ފާޑުކިޔުން ޓްރަމްޕަށް

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ތަޖުރިބާ ނެތް ކަމަށް ވިދާޅުވެ، ޓްރަމްޕަށް ފާޑު ވިދާޅުވެފައި -- ފޮޓޯ: އޭއެފްޕީ

ތެހެރާން (އޭޕްރިލް 25): ދެހާސްފަނަރަ ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ހެދި އެއްބަސްވުމަށް އެމެރިކާއިން ބަދަލު ގެންނަން މަސައްކަތް ކުރާތީ އެގައުމުގެ ރައީސަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ފާޑު ވިދާޅުވެއްޖެއެވެ.

އީރާނުގެ ޓީވީތަކުން ދެއްކި ތަގުރީރެއްގައި ވާހަކަ ދައްކަވަމުން ރައީސް ރޫހާނީ ވަނީ ސިޔާސީ ދާއިރާގައި ޓްރަމްޕްގެ އެއްވެސް ތަޖުރިބާއެއް ނެތްކަން ފާހަގަ ކުރައްވައިފައެވެ.

"(ޓްރަމްޕަކީ) ހަމައެކަނި ވިޔަފާރިވެރިއެއް. ސިޔާސީ ދާއިރާ ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ބެހޭ އެއްވެސް ތަޖުރިބާ އެއް ނެތް. އޭނާއަށް ކިހިނެއް ބައިނަލްއަގުވާމީ ކަންތައްތަކާ ބެހޭ ގޮތުން ގޮތެއް ނިންމޭނީ؟،" ރޫހާނީ ސުވާލު އުފެއްދެވިއެވެ.

ރޫހާނީ އެފަދައިން ވިދާޅުވެފައި ވަނީ އާ ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލުމާ ބެހޭ ގޮތުން ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން އާއި ރައީސް ޓްރަމްޕް މަޝްވަރާ ކުރެއްވި ފަހުންނެވެ.

އަލަށް އެކުލަވައިލާ އެއްބަސްވުމުގެ ދަށުން އީރާނުން އެއްވެސް އިރެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވައި، ޔަމަން، ސީރިއާ، އިރާގު އަދި ލުބުނާނު ފަދަ ގައުމުތަކުގައި އީރާނުގެ ނުފޫޒު ފެތުރުން ކުޑަ ކުރަން ޖެހޭނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.

ނަމަވެސް ރޫހާނީ ވަނީ ހަތް ގައުމުން ސޮއިކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމަކަށް ބަދަލުގެނައުމުގެ ހައްގު އެ ދެ ގައުމަށް ލިބިގެންވޭތޯ ސުވާލު އުފައްދަވައިފައެވެ.

"ޔޫރަޕްގެ ގައުމުގެ ލީޑަރަކާ އެކު (އެމެރިކާއިން) ބުނޭ: 'ހަތް ގައުމަކުން ހަދާފައިވާ އެއްބަސްވުމަކާ ބެހޭ ގޮތުން ގޮތެއް ނިންމަން ބޭނުމޭ،' ކޮބާ (އެކަން ކުރުމުގެ) ހައްގު؟،" ރޫހާނީ މިއަދު ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވަނީ އީރާން އެއްބަސްވުމަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފައެވެ. އަދި އިއްޔެ މެކްރޮންއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އީރާނާއެކު "މާ ރަނގަޅު އަދި މާ ބޮޑު" އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މީގެ ކުރިންވެސް ރައީސް ރޫހާނީ ވަނީ އެމެރިކާއިން ނިއުކްލިއާ އެއްބަސްވުމާ ހިލާފު ނުވުމަށް ގޮވާލައްވައިފައެވެ. އަދި އެގައުމުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ނަތީޖާ ވަރަށް ގޯސް ވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދް ޒަރީފް ވަނީ އެމެރިކާއިން އެ އެއްބަސްވުމުން ވަކިވެއްޖެ ނަމަ، އީރާނުން ވެސް އެފަދައިން އަމަލު ކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. (ބީބީސީ)

comment ކޮމެންޓް