ޗައިނާގެ އޮޑިޓިން ދާއިރާއިން މާސްޓާސް ހެދުމުގެ ފުރުސަތު އޮޑިޓް އޮފީހުން ހުޅުވާލައިފި

ހޮޓެލް ޖެންގައި ބޭއްވި ފުރަތަމަ އެކައުންޓެންޓްސް ފޯރަމްގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އޮޑިޓިން އަދި އެޝުއަރަންސްގެ ދާއިރާއިން މާސްޓަސް ޑިގްރީ ހެދުމުގެ ސްކޮލަޝިޕް ފުރުސަތުތަކެއް އޮޑިޓަރު ޖެނެރަލް އޮފީހުން ހުޅުވާލައިފި އެވެ.

އެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާސްޓާސް ޑިގްރީ ހެދުމުގެ އެ ފުރުސަތު ހުޅުވާލައިފައި ވަނީ ޗައިނާގައި ހުންނަ އެކައުންޓިންނަށް ހާއްސަ ޔުނިވާސިޓީއެއް ކަމަށްވާ، ނަންޖިންގް އޮޑިޓް ޔުނިވާސިޓީއިން ކަމަށެވެ.

ދެ އަހަރު ދުވަހުގެ އެ ކޯސް ހެދުމަށް އޮޑިޓް އޮފީހުން ހުޅުވާލައިފައި ވަނީ ތިން ފުރުސަތެވެ.

އޭގެ ތެރެއިން އެއް ފުރުސަތު ހާއްސަކޮށްފައި ވަނީ އޮޑިޓާ ޖެނެރަލް އޮފީހުގެ މުވަޒަފުންނަށެވެ. އަނެއް ދެ ފުރުސަތަކީ އާންމުކޮށް ހުޅުވާލާފައިވާ ދެ ފުރުސަތެވެ.

އޮޑިޓް އޮފީހުގެ އިއުލާނުގައި ބުނީ، އެ ސްކޮލަޝިޕް ފުރުސަތުގެ ދަށުން ޓިއުޝަން ފީ، އޮން ކެމްޕަސް އެކަމަޑޭޝަން، ސްޓައިޕެންޑް އަދި ދެކޮޅު ޓިކެޓް ދޭން ހަމަޖެހިފައި ވަނީ ކިޔަވަންދާ ޔުނިވާސިޓީން ކަމަށެވެ.

އަދި ސްކޮލަޝިޕަށް ހޮވޭ މީހުން ހޮވުމުގައި އޮޑިޓިން އެންޑް އެޝޫރަންސްގެ ދާއިރާއަށް ހިދުމަތް ކޮށްފައިވާ މުއްދަތަށް ބަލާނެ ކަމަށް ބުނެފައިވެ އެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތެއް ނަމަ ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީއެއް ހާސިލް ކޮށްފައިވުމާއި މި އަހަރުގެ ޖޫން އަށް 35 އަހަރު ފުރިފައި ނުވުމުގެ އިތުރުން ސާބިތު ކުށެއް ނެތުން އަދި ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

އަދި ސްކޮލަޝިޕް ލިބޭ ދަރިވަރަކު، މަދުވެގެން ފަސް އަހަރު ދުވަހު ހިދުމަތް ކުރުމަށް ވެސް އިގުރާރުވާން ޖެހެ އެވެ.

އޮޑިޓް އޮފީހުން ބުނީ، އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ކަމަށެވެ. ފޯމް ހުށަހަޅަންޖެހެނީ ޣާޒީ ބިލްޑިންގެ 1 ވަނަ ބުރީގައި ހުންނަ އޮޑިޓާ ޖެނެރަލްގެ އޮފީހަށެވެ.

comment ކޮމެންޓް