ކުއްލި ނުރައްކަލުގެ ހާލަތާ އެކު ސަރުކާރުގެ އެއްވެސް މަޝްރޫއަކަށް ހުއްޓުމެއް ނާދޭ: ރައީސް

ރަށްވެހި ތަރައްގީގެ ނަމުގައި ފޮތެއް ނެރުން --- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތާ އެކު ވެސް ސަރުކާރުން ހިންގަމުން ދިޔަ އެއްވެސް މަޝްރޫއަކަށް ހުއްޓުމެއް އައިސްފައި ނުވާނެ ކަމަށް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގާފައިވާ އަދި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުގެ ވާހަކަތައް ހިމެނޭ "ރަށްވެހި ތަރަައްގީ" ފޮތް ނެރެދެއްވުމަށް ފަހު މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 45 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އެހެން ގައުމުތަކުގައި ކުއްލި ނުރައްކާ އިއުލާނު ކުރާ ސަބަބުތަކާ ހުރެ ނޫން ކަމަށެވެ.

"އެއީ އަޅުގަނޑުމެން ހަދާފައިވާ ގާނޫނުތަކުން ދަތި އެޅުވޭތީ ދަތި ފިލުވަން ގެންނަން ޖެހުނު ހާލަތެއް. އެހެން އެއްވެސް ޒަރޫރަތެއް ނިޔާކޮށްގެން ގެނެވުނު ހާލަތެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ 45 ދުވަސް ތެރޭ ސަރުކާރުގެ މަސައްކަތް ކުރިއަށް ދިޔައީ އެއްވެސް ތަފާތެއް ނެތި ކަމަށެވެ.

"އެއްވެސް ކަހަލަ މަސައްކަތަކަށް އެއްވެސް ކަހަލަ ހުރަހެއް ދަތިކަމެއް އަދި ކުއްލި ވަގުތުކޮޅެއްގައި ހުއްޓުމެއް އައިސްފައެއް ނެތް. ހުރިހާ މަޝްރޫއުތަކެއް ޓައިމްޓޭބަލް އާ އެއްގޮތަށް ކުރިއަށް ދިޔަ،"

"ރަށްވެހި ތަރައްގީ"ގައި މާލެ އާއި ރަށްރަށުގެ ތަރައްގީގެ ވާހަކަތައް ހިމަނާފައިވާ އިރު ރައީސް ޔާމީން ވިދާޅުވީ މާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެރިކަން ކުރާ ރަށް ކަމަށާއި މާލެއަށް އަންނަ ތަރައްގީއަކީ ގެންނަން ޖެހޭ ތަރައްގީއެއް ކަމަށެވެ.

މާލޭގައި 25 ބުރީގެ އިމާރާތްތައް ބިނާކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅާނެ އިމާރާތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އިމާރާތްތައް އަޅާނެ ޖާގަ ވެސް މާލޭގައި އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލޭގައި 25 ބުރީގެ އިމާރާތެއް ހެދިގެން ދިޔައީ. ސަރުކާރަށް އެކަނިތޯ މާލޭގައި 25 ބުރީގެ އިމާރާތެއް އެޅޭނީ؟ އަމިއްލަ ފަރާތްތަކަށް މާލޭގައި 25 ބުރީގެ އިމާރާތްތައް މިއަދުވެސް އެޅޭނެ. އެވަރުގެ ފުޓްޕްރިންޓެއް ހިފައިގެން އައިސްފި ކަމަށް ވަންޏާ އަމިއްލަ ފަރާތްތަކަށް މާލޭގައި 25 ބުރީގެ އިމާރާތްތައް އެޅުމުގެ ހުއްދަ މިއަދު ވެސް އެބައޮތް،" ރައީސް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބާއެކީ މާލޭގައި 25 ބުރީގެ އިތުރު އިމާރާތްތަކެއް އެޅޭނެ ކަމަށާއި އެކަމަށް ޖާގަ އެބައޮތް ކަމަށެވެ.

ރަށްވެހި ތަރައްގީ މި ފޮތުގައި ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ތަފާސްހިސާބުތަކާ އެކު ވަނީ ހިމަނައިފަ އެވެ. ތަރައްގީގެ ވާހަކަ ތަފާސްހިސާބުތަކުން ކިޔައިދިނުމުން އެ ވާހަކަތައް ވިސްނަން ފަސޭހަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ތިންސަތޭކަ ނުވަދިހަ ހަތަރު ސަފުހާގެ މި ފޮތަކީ ކިޔަވާކުދިންނާއި ރިސާޗަރުންނަށް ހާއްސަ ފޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ފޮތުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ފަސް އަހަރުގެ އާބަން ޕްލޭނިން އާއި އިގްތިސާދީ ތަސައްވަރު ބިނާކުރެވިގެންދާނެ ކަމަށާއި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީ ގޮސްފައިވާ ހުރި މިންވަރުން އެތަންތަނުގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމް ކުރަން ޖެހިފައިވާ ކަމަށާއި ދެން ކުރަން ޖެހިފައިވާ ކަމަކީ އެތަންތަން ކޯ ޑިވެލޮޕްކޮށް އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ކަމަށެވެ.

މި ފޮތަކީ ރާޢްޖޭގެ ތަސައްވުރަށް މި ސަރުކާރުން ކުލަޖައްސާދީފައި ވަނީ ކިހާވަރަކަށްކަން ދައްކައިދޭ ފޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ފޮތުގައި ހުންނާނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރަން ކުރެވުނު މަސައްކަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް