އީރާނާ ބެހޭ އާ އެއްބަސްވުމެއް ހެދުމަށް މެކްރޮންއާއި ޓްރަމްޕް މަޝްވަރާކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން -- ފޮޓޯ: ރޮއިޓާސް

ތެހެރާން (އޭޕްރިލް 25): އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ އާ އެއްބަސްވުމެއް ހެދުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން މަޝްވަރާ ކުރައްވައިފިއެވެ.

އެމެރިކާއަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެކްރޮން އިއްޔެ ވިދާޅުވިގޮތުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ އާ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށަން އެބަ ޖެހެއެވެ.

"އީރާނާއެކު އާ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށަން އަޅުގަނޑުމެން ބޭނުން. އީރާނާއި ސަރަހައްދީ އެހެން ލީޑަރުންގެ އެއްބާރުލުމާއެކު އާ އެއްބަސްވުމެއް ހަދަން ޖެހޭ. އެއީ ހަމަޖެހުން ގެނެވެން އޮތް ހަމައެކަނި ގޮތަކީ،" ވައިޓް ހައުސްގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވި އެވެ.

އަލަށް އެކުލަވައިލާ އެއްބަސްވުމުގެ ދަށުން އީރާނުން އެއްވެސް އިރެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވައި، ޔަމަން، ސީރިއާ، އިރާގު އަދި ލުބުނާނު ފަދަ ގައުމުތަކުގައި އީރާނުގެ ނުފޫޒު ފެތުރުން ކުޑަ ކުރަން ޖެހޭނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.

ދެހާސްފަނަރަ ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކާ މެދު ހެދި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން، އީރާނުން ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އެގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވެފައެވެ. ނަމަވެސް އެއެއްބަސްވުމުގެ ދަށުން، 2025ގެ ފަހުން އެގައުމަށް އަނެއްކާވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެށޭނެއެވެ.

އޭގެ ސަބަބުން ރައީސް ޓްރަމްޕް ވަނީ އީރާން އެއްބަސްވުމަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފައެވެ. އަދި އިއްޔެ މެކްރޮންއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އީރާނާއެކު "މާ ރަނގަޅު އަދި މާ ބޮޑު" އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ފާޑު ވިދާޅުވުންތަކާ ގުޅިގެން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެމެރިކާއިން ނިއުކްލިއާ އެއްބަސްވުމާ ހިލާފު ނުވުމަށް ގޮވާލައްވައިފައެވެ. އަދި އެގައުމުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ނަތީޖާ ވަރަށް ގޯސް ވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދް ޒަރީފް ވަނީ އެމެރިކާއިން އެ އެއްބަސްވުމުން ވަކިވެއްޖެ ނަމަ، އީރާނުން ވެސް އެފަދައިން އަމަލު ކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް