ރޭ ހިނގި އެކްސިޑެންޓުގައި ހޭނެތުނު މީހާ އަދިވެސް އައިސީޔޫގައި، ހާލު ސީރިއަސް!

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިސްމާއިލް ނަސީމް އޭޑީކޭ ހޮސްޕިޓަލްގައި ---- ސަން ފޮޓޯ

ރައީސް އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހޭނެތުނު މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ދުއްވާފައިދިޔަ އެހެން ސައިކަލެއްގައި ޖެހިގެން ރޭ 11:23 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ހާލު ސީރިއަސް ވެފައިވަނީ، މ. ވޯޓާޕާލްސް، އިސްމާއިލް ނަސީމް، 45 އަހަރެވެ.

އެނގިފައިވާ ގޮތުގައި ރޭގެ އެކްސިޑެންޓާ ގުޅިގެން އޭނާ ހޭނެތުނެވެ. އަދި މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، އޭނާގެ ބޯފަޅައިގެން ގޮސް ބޮލުންނާއި ނޭތަފުން ލޭ ފޭބިއެވެ.

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ، އެ ހާދިސާގައި އެ ހޮސްޕިޓަލަށް ގެނައި ދެ މީހުންގެ ތެރެއިން 45 އަހަރުގެ މީހާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

ނަމަވެސް އިސްމާއިލަށް ލިބުނު އެއްވެސް އަނިޔާގެ ތަފްސީލެއް އޭޑީކޭ އަކުން މީޑިއާއަށް ހިއްސާ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްފާލު ވިދާޅުވީ، ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން އޭޑީކޭއަށް ގެންދިޔަ އުމުރުން 20 އަހަރުގެ ޒުވާނާ ފަރުވާއަށްފަހު، ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

comment ކޮމެންޓް