ދެން ނެރޭ އައިފޯނު އަގުހެޔޮވާނެ؟

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން އެކްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޕަލްގެ އެންމެ ފަހުގެ ފޯނު އައިފޯނު އެކްސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފޯނުގެ އަގު ބޮޑުވުމާއި ޑިމާންޑް ދަށްވުމެވެ. މިއާ އެކު ފޯނުގެ ސޭލްސް އަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.

އައިފޯނު އެކްސްގެ ތަޖުރިބާ އާއެކު އެޕަލް އިން މިހާރު ވިސްނާފައި ވަނީ އެމީހުންގެ ދެން ނެރޭ ފޯނުގެ އަގު ހެޔޮކުރުމަށެވެ. ނަމަވެސް އަގުހެޔޮ ފޯނެއް އުފެއްދުމަށް އެޕަލް އަށް ވަރަށް ބޮޑު ގޮންޖެހުމެއް އެބައޮތެވެ. އެމީހުންގެ ފޯނުތަކުގައި ބޭނުންކުރާ އޯލެޑް ޑިސްޕްލޭއަކީ އެންމެ ބޮޑު ވާދަވެރިޔާ ސެމްސަންގްގެ އަތުން ގަންނަ ޑިސްޕްލޭ އެވެ. މިއާ އެކު ހެޔޮ އަގެއްގައި އޯލެޑް ޑިސްޕްލޭ ގަންނަން ސެމްސަންގާ އެކު ޑީލެއް ހަދަން އެޕަލް އަށް މަޖުބޫރުވެ އެވެ.

އެޕަލް އިން ސެމްސަންގް އާއެކު މިހާރު މަޝްވަރާ ކޮށްފައި ވަނީ ޑިސްޕްލޭގެ އަގުން 10 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށެވެ. އާ އައިފޯނުގެ އަގު މިއާ އެކު ހެޔޮވާނެ ކަމަށް ބެލެވެ އެވެ. ހަބަރުތައް ބުނާ ގޮތުން އެލްޖީއާ އެކު ވެސް ޑިސްޕްލޭ ޑެލިވަރީ ކުރުމަށް އެޕަލް އިން ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެލްޖީ އަށް އެކަން ކޮށްދިނުމުގެ ގާބިލްކަން ލިބިފައި ނުވާތީ އެޕަލް އަށް އޮތް ހަމައެކަނި ޗޮއިސް އަކީ ސެމްސަންގް އެެވެ.

މިއާ އެކު އެޕަލްގެ އައިފޯނުގެ އަގު ކަނޑައެޅުން އޮތީ ސެމްސަންގްގެ އަތުގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

comment ކޮމެންޓް