އެވެޓާގެ އިތުރު ހަތަރު ސީކުއެލްއެއް!

އެވެޓާގެ ފުރަތަމަ ބައިގެ މަންޒަރެއް---

ސައިންސް ފިކްޝަން ފިލްމު "އެވެޓާ"ގެ އިތުރު ހަތަރު ސީކުއަލްއެއް ކުރިއަށް އޮތްތާ ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން ބުނެފިއެވެ.

އޭނާ ބުނީ މިހާރު އެ ފިލްމުގެ ސީކުއެލްތައް ހެދުމުގެ މަސައްކަތުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ފިލްމުގެ ދެވަނަ އަދި ތިންވަނަ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ފޮކްސް ސްޓޫޑިއޯއިން ގެނެސްދޭ އެ ދެ ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެވެޓާ ދޭއް އަންނާނީ 2020 ގައި. އެވެޓާ ތިނެއް އަންނާނީ 2021 ގައި. ހަތަރު ވަނަ ބައި 2024ގައި. އެންމެ ފަހު ބައި 2025ގައި ގެނެސްދިނުމަށް މަސައްކަތް މި ކުރަނީ،" ޖޭމްސް ބުންޏެވެ.

އެވެޓާގެ ފުރަތަމަ ފިލްމެއް ފެނިގެން ދިޔައީ 2009 ވަނަ އަހަރުގައެވެ. އެ ފިލްމު ވެގެންދިޔައީ މިހާތަނަށް ހޮލީވުޑްގެ އެންމެ ބޮޑު ކާމިޔާބީ އާއި އާމްދަނީއެއް ލިބުނު ފިލްމަށެވެ.

comment ކޮމެންޓް