ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ނިއުކްލިޔަރ ފެތުރުން މަނާކުރާ މުއާހަދާއިން އީރާންވެސް ވަކިވަނީ

ތެހެރާން (އެޕްރީލް 24): އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ނިއުކްލިޔަރ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

މިމައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވަމުން އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ވެރިޔާ ރިޓަޔަޑް ޖެނެރަލް އަލީ ޝަމްޚާނީ ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ޓްރަމްޕްގެ ވެރިކަމުގައި އޭނާ ހައްދަވާނެ އެންމެ ބޮޑު ގޯސްކަން ޓްރަމްޕް އަމިއްލައަށް ގަބޫލުކުރައްވާ ވަރުގެ ރައްދެއް އެކަން ކުރައްވައިފިނަމަ އީރާނުން ދޭނެކަމަށާއި މީގެތެރެއިން އެއް އޮޕްޝަނަކީ ނިއުކްލިޔަރ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވުންކަމުގައެވެ. ނަމަވެސް މިފިޔަވަޅު އަޅާނީ ނިއުކްލިޔަރ އެއްބަސްވުމާމެދު ޓްރަމްޕް ނިންމަވާ ނިންމެވުމުގެ މައްޗަށް ބަލާފައި ކަމަށް ޝަމްޚާނީ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އަލުން ދިރުވައި އޭގެ ފުލް ސްޕީޑަށް ގެނަސް ވިހި އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ވަގުތުން ފަށާނެކަމުގެ އިންޒާރު ޓްރަމްޕަށް ދެއްވާފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގައި އެމެރިކާ ސޮއިކުރީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައެވެ.

ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ގެންދަވަނީ އެއީ އެމެރިކާއަށް ގެއްލުން ބޮޑު އެއްބަސްވުމެއްކަމަށް ވިދާޅުވެ އެ އެއްބަސްވުމުން އެމެރިކާ ވަކިވާނެކަމުގެ އިންޒާރު ދެއްވަމުންނެވެ. ނަމަވެސް އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ބޮޑެތި ބާރުތަށް މިކަމާދެކޮޅު ހަދާތީ މިފިޔަވަޅުއަޅަން ޓްރަމްޕަށް އަދި ކެރިވަޑައިގެންފައެއް ނުވެއެވެ. ޓްރަމްޕް ވަނީ އީރާނުގެ ދިފާއަށްޓަކައި އެގައުމުން ކުރިޔަށް ގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލައްވައި އެޕްރޮގްރާމު ހުއްޓުވުމުގެ މައްސަލަ ނިއުކްލިޔަރ އެއްބަސްވުމުގައި ހިމެނުމަށް އެދިވަޑައިގެންފައެވެ. މިކަންކުރުމަށް އީރާން ދެކޮޅު ހަދާނަމަ ނިއުކްލިޔަރ އެއްބަސްވުމުން ވަކިވާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އީރާނުންވަނީ ޓްރަމްޕް އުޅުއްވަނީ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ސިފަކޮށްފައެވެ. މިގޮތުން ޓްރަމްޕްގެ ރުހުން އޮތަސް ނެތަސް ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ކަންތަށް ކުރިޔަށް ގެންދާނެކަމަށާއި ނިއުކްލިޔަރ އެއްބަސްވުމަށް ދެން އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަން އީރާނުންވަނީ ޓްރަމްޕަށް އަންގާފައެވެ. އެމެރިކާ އެމެރިކާގެ ދިފާއުގައި ހަތިޔާރު އުފެއްދުމުގެ ހައްގު އޮވެފައި އީރާނަށް އެހައްގު ނޯންނަންވީ ސަބަބެއްނެތް ކަމަށް އީރާން އަބަދުވެސް ބުނަމުން ގެންދެއެވެ.

އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ލީޑަރުން ގެންދަވަނީ އީރާނުގެ ނިއުކްލިޔަރ އެއެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ދުނިޔޭގެ އަމަނާއި ސުލްޙައަށް ނުރައްކާވާނެ ކަމެއްކަމާއި އީރާނުގެ ނިއުކްލިޔަރ ޕްރްގްރާމު މައިތިރ ކުރެވޭނެ ހަމައެކަނި ގޮތަކީ އެ އެއްބަސްވުމުގައި ދެމިތިބުންކަން ޓްރަމްޕަށް ވިސްނައިދީ އެކަމަށް ބާރު އަޅުއްވަމުންނެވެ. ޚާއްސަކޮށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ އެ އެއްބަސްވުމުން ވަކިނުވުމަށް ޓްރަމްޕަށް އިލްތިމާސް ކުރައްވާފައެވެ.

މިކަމަށްޓަކައި ޓްރަމްޕާ ބައްދަލުކުރައްވުމަށްޓަކައި މެކްރޯންވަނީ ހޯމަދުވަހު އެމެރިކާއަށް ވަޑައިގެން ވައިޓްހައުސްގައި ޓްރަމްޕާ ބައްދަލުކުރައްވައި އީރާނުގެ ނިއުކްލިޔަރ އެއެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ފަހަށް ނުޖެހޭނެކަން ޓްރަމްޕަށް ވިސްނައި ދެއްވުމަށް މަސައްކަތްތަކެއް ކުރައްވާފައެވެ.

މެކްރޯން އާ ކުރެއްވި މަޝްވަރާތަކަށްފަހު ވައިޓް ހައުސްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާބެހޭގޮތުން މެކްރޯން އާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި އެމައްސަލާގައި ދެބޭފުޅުންނަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ވިދާޅުވެ ތަންކޮޅެއް މައިތިރިބަހުން ވާހަކަ ދައްކަވާފައެވެ.

އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ނިއުކްލިޔަރ ޕްރޮގްރާމް އަލުން ދިރުވައި ވިހި އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ވަގުތުން ފަށާނެކަމަށް ބުނެ އީރާނުން ދިން އިންޒާރަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިޔަރ ޕްރޮގްރާމް އަލުން ދިރުވައި ޔޫރޭނިޔަމް ފައްކާ ކުރަން އަލުން ފެށުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށާ އެގޮތަށް އަމަލުކޮށްފިނަމަ ނަތީޖާ ގޯސްވާނެ ކަމުގައެވެ.

މިއިންޒާރަށް ރައްދު ދެއްވަމުން އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ވެރިޔާ ރިޓަޔަޑް ޖެނެރަލް އަލީ ޝަމްޚާނީ ވިދާޅުވީ ނިއުކްލިޔަރ މައްސަލަ ނުބައި ދިމާއަށް ގެންދަން މަސައްކަތް ކުރައްވަނީ ޓްރަމްޕް ކަމަށާއި ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަލުން ފެށުމުގެ އިތުރުން ނިއުކްލިޔަރ ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވުމަކީވެސް އޮތް އޮޕްޝަނެއްކަމުގައެވެ.

ނިއުކްލިޔަރ ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވެއްޖެނަމަ އީރާނުގެ ނިއުކްލިޔަރ ސައިޓްތަކާއި ލެބޯޓްރީތަކާއި ރިއެކްޓަރުތަކާއި ރީސާޗް ސެންޓަރުތަށް ބަލައި ފާސްކުރުމުގެ ހައްގު އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަށް ގެއްލިގެން ދާނެއެވެ. އެއެޖެންސީއަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަށް ބަލައި ފާސްކުރެވެނީ މިދެންނެވި މުއާހަދާގައި އީރާނުން ސޮއިކޮށްފައިވާތީއެވެ.

ދުނިޔޭގެ ބޮޑު ފަސްބާރުން އެ މުއާހަދާގައި ސޮއެއް ނުކުރެއެވެ. އަދި އިސްރާއީލާއި އުތުރު ކޮރެޔާއާއި ޕާކިސްތާނާ އަދި އިންޑިޔާއިންވެސް އެ މުއާހަދާގައި ސޮއެއް ނުކުރެއެވެ. އެހެންކަމުން އެގައުމުތަކުގެ ނިއުކްލިޔަރ މަރުކަޒުތަށް ބަލައި ފާސްކުރުމުގެ އެއްވެސް ބާރެއް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަކަށް ނޯވެއެވެ. އީރާނުން އެ މުއާހަދާއިން ވަކިވެއްޖެނަމަ އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމާއި ދުނިޔެއާ ގުޅުންތަށް ކެނޑުނީއެވެ. މިފަދަ ހާލަތެއްގައި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދިނަމަވެސް އެކަން ދުނިޔެއަށް އެނގޭނެ ގޮތެއް ނޯންނާނެއެވެ.

އިންޑިޔާ، ޕާކިސްތާން، އުތުރުކޮރެޔާ އަދި އިސްރާއީލުން ނިއުކްލިޔަރ ހަތިޔާރު އުފެއްދީވެސް އެ މުއާހަދާގައި ބައިވެރި ނުވެއެވެ. އެހެންކަމުން ނިއުކްލިޔަރ ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވުމަކީ އެމެރިކާއަށާއި އިސްރާއީލަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެކަމަށާއި އެއީ ޓްރަޕް މައިތިރި ކުރެވޭފަދަ ފިޔަވަޅަކަށް ވެގެންދާނެކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް