"މި ނުކުންނަނީ ރާއްޖޭ ދަނޑުގައި ރީތި ފުޓުބޯޅައެއް ކުޅެ، ތާރީހު ބަދަލުކުރަން"

މިދިޔަ އަހަރު އެފްއޭ ކަޕްގެ ފައިނަލުގައި ނިއު އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބެންގަލޫރު އެފްސީ މިއަދު ވާދަކުރާ މެޗަކީ ބެންގަލޫރު އެފްސީން ދިވެހި ޓީމަކާ ދެކޮޅަށް ކުޅޭ ފަސްވަނަ މެޗެވެ.

އެޓީމަށް ރާއްޖެ ފަރިތަވެފައިވާ މިންވަރު ހާމަވާ އެއް ކަމަކީ، ގަލޮޅު ދަނޑުގައި ފަރިތަކުރަން ލިބުނު ފުރުސަތުވެސް އެޓީމުން މިފަހަރު ބޭނުން ނުކޮށް، ކ. ތުލުސްދޫގައި ކޭމްޕްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވުމެވެ.

މިހާތަނަށް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ ބެންގަލޫރުން ދިވެހި ޓީމުތަކާ ދެކޮޅަށް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ އިރު، މިއަދުގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ ވައިސް ކެޕްޓަން އަދި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނީ މިއަދު ނުކުންނާނީ ދިވެހި ދަނޑުގައި ރީތި ފުޓުބޯޅައެއް ކުޅެ ތާރީހު ބަދަލުކުރަން ކަމަށެވެ.

"ބެންގަލޫރު މެޗަށް ނުކުތުމުގެ ކުރިން އެކޮޅުގަވެސް އަޅުގަނޑުމެން ބުނިން. އަޅުގަނޑުމެންނަށް މީތި (ތާރީހު) އަނބުރާލެވިދާނެ. ތާރީހު ބަދަލުކުރެވިދާނެ. ކަން ދިމާކުރި ގޮތުން ފަހުވަގުތު ބެންގަލޫރުން ގޯލެއް ޖަހައިގެން ބަލިވީ. ހުރިހާ ބޭފުޅުންނަށްވެސް ފެންނާނެ އަޅުގަނޑުމެން އެތާނގައި ކުޅުނު ފުޓުބޯޅަ. މުޅި މެޗު ޑޮމިނޭޓްކޮށްގެން ތަފާތު ފުޓުބޯޅައެއް ކުޅުނީ. ފަހު ގަޑީގައި އެންމެ ކުޅުންތެރިއެއްގެ ތަފާތު ފެނުނީ. އެކަމަކު މިއަދު ނުކުންނާނީ އެ ހުރިހާ ގޯހެއް ރަނގަޅުކޮށް، ރާއްޖޭ ދަނޑުގައި ރީތި ފުޓުބޯޅައެއް ކުޅެ، ތާރީހު ބަދަލުކުރަން،" އަކޫ ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު، ނިއުގެ ސްޕެއިން ޑިފެންޑަރު ޖޯޖު ގަޓޯ ސަސްޕެންޝަންގައި ހުރުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއްތޯ އެހުމުން އަކޫ ބުނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

"އެއް ކުޅުންތެރިއަކު މަދުވެގެން އޭގެ އުނދަގުލެއް ކުރިމައްޗެއް ނުވާނެ. މީގެ ކުރިންވެސް އަޅުގަނޑު ހުންނާނީ އަމީރީއާއެކު ކުޅެފައި. ކޯޗުގެ އިރުޝާދާއެކު މެޗަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެފަ މިއޮތީ. ދެން އޮތީ މާދަމާ ދަނޑު މައްޗަށް އަރާ މަސައްކަތް ކުރުން. ކާމިޔާބު ދެއްވާނީ ﷲ. ﷲ އިރާދަކުރެއްވިއްޔާ މާދަމާ މެޗު ކާމިޔާބުކޮށްގެން ކުރިއަށް ދެވެން އޮތް ފުރުސަތުގެ ބޭނުން ހިފާނަން،" އަކޫ ބުންޏެވެ.

އެންމެ ފަހުން ލީގުގައި ވިކްޓަރީ އަތުން ބަލިވި މެޗުގެ އިތުރުން ބެންގަލަރޫގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ނިއުގެ ޑިފެންސުން ފެނުނީ ދާދި އެއް ކަހަލަ ގޯސްތަކެއް ހެދި ތަނެވެ. އަކޫ ބުނީ ފަހަތުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ޑިފެންސް ކުރާ އިރު، އެ ކަހަލަ ގޯސްތަކެއް ފެނިދާނެ ކަމަށާއި، އެހެން ނަމަވެސް މިއަދުގެ މެޗަށް ނުކުންނާނީ ވަރަށް ބޮޑަށް އެކަންކަން ރަނގަޅު ކުރުމަށް ވިސްނައިގެން ކަމަށެވެ.

މީގެ އިތުރުންވެސް އަކޫ ވަނީ ހުރިހާ ދިވެހި ސަޕޯޓަރުންނަށްވެސް ހާއްސަ މެސެޖެއް ދީފައެވެ.

"ދިވެހި ސަޕޯޓަރުންގެ ހިތްވަރާއެކު މެޗަށް ނުކުންނާނީ. ހުރިހާ ދިވެހި ސަޕޯޓަރުން އަޅުގަނޑުމެންނަށް ސަޕޯޓްކުރަން އަޅުގަނޑު އެދެން ކްލަބެއްގެ ގޮތުގައި ނުކުތަސް، މި ނުކުންނަނީ ދިވެހި ގައުމު ތަމްސީލުކުރަން. ހުރިހާ އެންމެންވެސް އަޅުގަނޑުމެންނަށް ސަޕޯޓްކުރާށޭ ބުނާނީ. އިރާދަކުރެއްވިއްޔާ ތާރީހު ބަދަލުކޮށްގެންނޭ ފައިބާނީ،" އަކޫ ބުންޏެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި ބެންގަލޫރު އޮތް އިރު، ދެވަނައިގައި އޮތް ނިއުއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނިއު ބަލިވެފައިވަނީ ހަމައެކަނި ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުންނެވެ. އެ މެޗުން ނިއު ބަލިވީ ބެންގަލޫރުން ފަހު ވަގުތު ޖެހި ލަނޑުންނެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް