މަހުލޫފުގެ މައްސަލައިން ވަކީލު ނާޒިމް ސަސްޕެންޑް ކޮށްފި

ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު --- ސަންފައިލް ފޮޓޯ

ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާއިން ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ސަސްޕެންޑް ކޮށްފި އެވެ.

ގާޒީ އަލީ އާދަމް ސޮއިކުރައްވާ އަންގަވާފައި އެންގުމެއްގައި ބުނެފައިވަނީ ނާޒިމް އެމައްސަލައިން ސަސްޕެންޑް ކުރީ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އޭނާ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށެވެ.

އަދި އެމައްސަލައާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލުކޮށްފައިވާތީ ކަމަށްވެސް އެންގުމުގައި ވަނީ ބުނެފަ އެވެ.

" ސޯޝަލް މީޑިއާ މެދުވެރިކޮށް މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތީ އާއި ޝަރީއަތް ހިނގަމުންދާ ގޮތާ މެދު އާންމުންގެ ހިތުގައި ނުރަގަނޅު ތަސައްވުރެއް ބިނާކޮށް، ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާތީ މިއަދުން ފެށިގެން އަހުމަދު ނާޒިމް އަބްދުއްސައްތާރު މިމައްސަލައިގެ ވަކީލެއްގެ ހައިސިއްޔަތުން ސަސްޕެންޑް ކުރެވިފައިވާ ވާހަކަ އެންގީމެވެ." ކްރިމިނަލް ކޯޓުގެ އެންގުމުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ގާނޫނީ ވަކީލު ހުސްނުއްސުއޫދުވެސް ވަނީ ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

comment ކޮމެންޓް