ރާއްޖޭގެ ދަރިވަރުނާ ގުޅޭ ޑޭޓާބޭސް ސިސްޓަމަށް ބައިނަލްއަގުވާމީ މަހާސިންތާގައި ތަރުހީބު!

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފުރާހު

ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް އެއްކޮށް، ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކޮށްފައިވާ ހާއްސަ ސިސްޓަމް، މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އަށް ބައިނަލްއަގުވާމީ މަހާސިންތާގައި ހޫނު ތަރުހީބެއް ލިބިއްޖެއެވެ.

މިމަހުގެ 11 އިން 13 އަށް ފްރާންސްގެ ފެރިހުގައި ޔުނެސްކޯއިން އިންތިޒާމްކޮށްގެން ބޭއްވި "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޯރމޭޝަން ސިސްޓަމްސް، އީމިސް" ގައި ރާއްޖެ ތަމްސީލުކޮށްފައިވާއިރު، އެ ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ޤައުމުތަކުން ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ތަޢުރީފުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު ކަމާއެކު މީމިސްގެ ބޭނުން ހިފަމުންދާތީ އެކަން ފާހަގަކޮށް އެކަމަށް ތަހުނިޔާ ކިޔާފައެވެ.

ޔުނެސްކޯގެ ހެޑްކުއާޓަރޒް ގައި ބޭއްވި އެ ކޮންފަރަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޢުލީމީ ނިޒާމުތަކުގައި އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޯރމޭޝަން ސިސްޓަމްތައް ބޭނުންކުރަމުންދާ ތަފާތު 22 ގައުމަކުން، އެ ގައުމުތަކުގައި އެ ނިޒާމުތައް ބޭނުންކުރަމުން އަންނަގޮތްތަކާއި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި އަދި މި ނިޒާމްގެ ތެރެއިން ހާސިލްކުރެވިފައިވާ ކާމިޔާބީއާއި ތަޢުލީމީ ނިޒާމަށް އީމިސް ބޭނުންކޮށްގެން ގެނެވިފައިވާ ހެޔޮ ބަދަލުތަކާއިމެދު ވާހަކަދައްކާ، ޤައުމުތަކުގެ "ކަންޓްރީ ޕްރެޒެންޓޭޝަން"ތައް ހުށަހަޅައިދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮންފަރެންސްގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން ކޮންމެ ގައުމަކުންވެސް އީމިސް ބޭނުން ކުރަމުންދާ ގޮތަށް އަލިއަޅުވާ ކޭސް ސްޓަޑީސްއެއް ހުށަހެޅިކަމަށެވެ. އަދި ބުނީ އެ ހުރިހާ ކޭސް ސްޓަޑީސްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ރާއްޖޭގެ ކޭސް ސްޓަޑީސް ކަމަށެވެ.

ރާއްޖެއިން ގާއިމްކުރި މި ސިސްޓަމަކީ ދަރިވަރުންގެ ތައުލީމީ ހަޔާތާ ގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓޭނެ ގޮތަކަށް ދެކުނު އޭޝިއާގައި ވެސް ގާއިމްކުރި ފުރަތަމަ ސިސްޓަމެވެ.

ދަރިވަރުންގެ ހާޒިރީ ރިކޯޑްތައް ބަލަހައްޓާ ދަރިވަރުންގެ ހާޒިރީއާއިމެދު މީމިސްގެ ތެރެއިން ވަކި ގޮތްތަކަކަށް އަމަލުކުރަން ފެށުމާއެކު، އެންމެ ފުރަތަމަ މަހުގެ ތެރޭގައިވެސް ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މިންވަރު 30 ޕަސެންޓަށް ދަށްކުރެވުނުކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮންފްރެންސްގެ ބައިވެރިންނަށް ކިޔައިދީފައެވެ.

comment ކޮމެންޓް