ވަޒީފާ ނެތް 2،000 މީހަކަށް ފިންލެންޑް ސަރުކާރުން މުސާރަދިނުން އިތުރަށް ކުރިއަށް ނުގެންދާނެ

ފިންލެންޑްގައި ބޭނުންކުރާ ޔޫރޯ ފައިސާ ނޫޓުތަކެއް ---

ވަޒީފާ އަދާނުކުރާ މީހުންނަށް ސަރުކާރުގެ ފަރާތުން އަސާސީ މުސާރައެއް ދިނުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ފިންލެންޑްގައި ފެށި ދެ އަހަރުގެ އަޖުމަ ބެލުމުގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ވަޒީފާ އަދާނުކުރާ މީހުންނަށް ޔުނިވާސަލް ބޭސިކް އިންކަމްއެއް ނުވަތަ ސަރުކާރުން އަސާސީ މުސާރަ ދިނުމަށްޓަކައި އަޖުމަ ބެލުމުގެ ޕްރޮގްރާމެއް ފިންލެންޑްގައި ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އެގޮތުން، އަޖުމަ ބެލުމުގެ ގޮތުން ވަޒީފާ އަދާނުކުރާ 2،000 މީހަކަށް 560 ޔޫރޯ (685 ޑޮލަރު)ގެ އަސާސީ މުސާރައެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދަނީ ދެމުންނެވެ. އަޖުމަ ބެލުމުގެ މި ޕްރޮގްރާމް ހިންގަމުން ދިޔައީ ފިންލެންޑް ސަރުކާރުގެ ޚަރަދުގައި ފިންލެންޑްގެ އިޖްތިމާއީ ރައްކާތެރިކަމާ ބެހޭ އިދާރާ، ސޯޝަލް އިންޝުއަރަންސް އިންސްޓިޓިއުޝަން (އެސްއައިއައި)އިންނެވެ.

https://sun.mv/83779

އެސްއައިއައިއިން ބުނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހަށް މި ޕައިލެޓް މަޝްރޫއު ނިމުމުން އޭގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅައި އިތުރު ފައިސާއަށް ސަރުކާރުގެ ކިބައިން އެދިފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް އަޖުމަ ބެލުމުގެ އެ މަޝްރޫއު، ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، އިތުރު ފައިސާ ފޯރުކޮށްދޭން ފިންލެންޑް ސަރުކާރުން އެއްބަސްނުވި ކަމަށް އެސްއައިއައިއިން ބުންޏެވެ.

އެސްއައިއައިގެ ރީސާޗާ ޑރ. އޮލީ ކަންގަސް ވިދާޅުވީ، އެ އިދާރާއިން ސަރުކާރުގައި އެދިފައި ވާނީ 40 މިލިޔަން ޑޮލަރާއި 80 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދަކަށް އިތުރަށް ފައިސާ ހޯދުމަށް ކަމަށެވެ. ސަބަބަކީ، ހަމައެކަނި 2،000 މީހުންނަށް މަޝްރޫއު ލިމިޓުކުރުމުގެ ބަދަލުގައި، ވަޒީފާ ނެތް އިތުރު ބަޔަކަށް ވެސް އަސާސީ މުސާރައެއް ދީ، މަޝްރޫއު ފުޅާކުރަން އެ އިދާރާއިން ބޭނުންވުމެވެ.

"އަޅުގަނޑު ކުޑަކޮށް މާޔޫސްވެއްޖެ ސަރުކާރުން މިކަން ފުޅާކުރުމަށް ދެކޮޅު ހެދުމުން،" ޑރ. ކަންގަސް ބީބީސީއަށް ވިދާޅުވި އެވެ.

"ދެ އަހަރު ދުވަހަކީ މިހާ ބޮޑު މަޝްރޫއެއް ދިރާސާކޮށް، ނަތީޖާތަކުން ދޭހަވާ ކަންކަން ދެނެގަންނަން މާ ކުރު މުއްދަތެއް. ރަނގަޅު ނަތީޖާތަކެއް ހޯދުމަށް އިތުރު ވަގުތާއި ފައިސާ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ވަޒީފާ ނެތް 2،000 ރައްޔިތަކަށް އަސާސީ މުސާރައެއް ދީގެން ފިންލެންޑުން އަޖުމަ ބެލުމުގެ މަޝްރޫއެއް މިދިޔަ އަހަރު ފެށި އިރު އެގައުމުގެ ވަޒީފާ ނެތް މީހުންގެ އާބާދީގެ ނިސްބަތަކީ 9.2 ޕަސަންޓެވެ.

comment ކޮމެންޓް