އެއް މަސް ފަހުން މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު!

ރައްޔިތުންގެ މަޖިލީސް ކުރާގެ: އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އަންނަ ހަފްތާގެ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އަންގާފައިވާ ކަމަށް ޕީޕީއެމްއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަޖިލީހުން އެއްވެސް އެއްޗެއް އެންގުމަކާ ނުލައި ޖަލްސާތައް އޮތީ މެދު ކަނަޑާލައިފައެވެ.

މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފި ނަމަ މެންބަރުންނަށް އެކަން އަންގައި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ޝާއިއުކުރެއެވެ. ނަމަވެސް އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނަ ކަން މެންބަރުންނަށް އަންގާފައިނުވާއިރު އެޖެންޑާ ވެސް ސައިޓްގައި ޝާއިއުކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ޕީޕީއެމްގެ މެންބަރުންނަށް އަންގާފައިވަނީ އެ މެންބަރުން ހިމެނޭ ވައިބާ ގްރޫޕްގައެވެ. އެ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެފައިވަނީ 25 ވަނަ ދުވަހު ބާއްވަން މަސައްކަތްކުރި ޖަލްސާ 29 ވާ އާދިއްތަ ދުވަހަށް ލަސްކުރެވިފައިވާ ކަމަށާއި އެ އެދުވަހު ހުރިހާ މެންބަރުންވެސް މާލޭގައި މަޑުކޮށްދިނުމަށް އެދޭ ކަމަށެވެ.

މި މަސް ނިމުމާއެކު މަޖިލީހުގެ ފުރަތަމަ ދައުރު ނިމި މެންބަރުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެއެވެ. މި ދައުރުގައި އަދި މިހާތަނަށް ބޭއްވިފައިވަނީ އެންމެ 10 ޖަލްސާއެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓުމުގެ ޒިންމާ ސަރުކާރަށް ތާއިކުރާ މެންބަރުން އަޅުވަނީ އިދިކޮޅު މެންބަރުންގެ ބޮލުގައެވެ. އަދި އިދިކޮޅު މެންބަރުން އެ ތުހުމަތު ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަނަށެވެ.

comment ކޮމެންޓް