ފޯކައިދޫގެ ދެވަނަ މެޗުން ވެސް މޮޅެއް، ނިލަންދުއާއި ހިތަދޫގެ ކުރިމަތިލުން އެއްވަރު

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ފޯކައިދޫ ޓީމު: އެޓީމުން ފައިނަލް ބުރުގައި ކުޅުނު ދެވަނަ މެޗުވެސް ވަނީ ކާމިޔާބުކޮށްފައި --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ށ. ފޯކައިދޫ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކުރި އިރު، ފ. ނިލަންދުއާއި ސ. ހިތަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފޯކައިދޫ ވަނީ 3-2ގެ ނަތީޖާއަކުން ބ. ފެހެންދޫ ބަލިކޮށްފައެވެ. ފައިނަލް ބުރުގައި ފޯކައިދޫ ކުޅުނު ފުރަތަމަ މެޗުގައި އދ. ފެންފުށި އަތުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗަކީ ފެހެންދޫން ފައިނަލް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ.

އެ މެޗުގެ ކުރީކޮޅު އަމިއްލަ ރަށުގައި ކުޅެމުންދިޔަ ފޯކައިދޫން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ފޯކައިދުއަށް މުހައްމަދު ފާރިޝް އިބްރާހީމް ލީޑު ހޯދައިދިން އިރު، އޭނާ ވަނީ އޭގެ ފަސް މިނެޓްފަހުން އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ފޯކައިދޫގެ ތިންވަނަ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރަފީނެވެ.

މެޗުގެ ފުރަތަމާ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އިބްރާހިމް މާޖިދު ވަނީ ފެހެންދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ފޯކައިދޫން ދަމަހައްޓަމުންދިޔަ ލީޑު، ފެހެންދުއަށް ހަނިކޮށްދިނީ މުހައްމަދު ރީހާނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ.

އިއްޔެ ހަވީރު ނިލަންދުއާއި ހިތަދޫ ބައްދަލުކުރި ގްރޫޕް އެކެއްގެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގެ ކުރިން ނިލަންދޫ ކުޅުނު ފުރަތަމަ މެޗުގައި ތ. ތިމަރަފުށި އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، އިއްޔެގެ މެޗަކީ ހިތަދޫގެ ފުރަތަމަ މެޗެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ނިލަންދުއަށް އިބްރާހިމް ފުރުގާން (ފުގޭ) ވަނީ ލީޑު ހޯދައިދީފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ހިތަދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އާދަމް ޝަމީމެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މިއަދުވެސް މިނިވަން ޗެމްޕިއަންޝިޕްގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގްރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ދ. ކުޑަހުވަދުއާ ދެކޮޅަށް ތ. ތިމަރަފުށި ނުކުންނަ އިރު، އއ. މާޅޮހާ ދެކޮޅަށް އދ. ފެންފުށި ނުކުންނާނެއެވެ.

comment ކޮމެންޓް