އޮސްޓްރޭލިއާގެ 12 އަހަރުގެ ކުއްޖަކު މަންމަގެ ކްރެޑިޓް ކާޑާ އެކު، އެކަނި ބާލީއަށް

12 އަހަރުގެ އޮސްޓްރޭލިއާ ކުއްޖަކު ވަނީ މަންމަގެ ކްރެޑިޓް ކާޑާއެކު އެކަނި ބާލީއަށް ދަތުރުކޮށްފައި -- ފޮޓޯ: ގެޓީ

ޖަކާޓާ (އޭޕްރިލް 24): އޮސްޓްރޭލިއާގެ 12 އަހަރުގެ ފިރިހެން ކުއްޖަކު ބެލެނިވެރިއަކާ ނުލައި އިންޑޮނޭޝިއާގެ ބާލީއަށް ދިޔަ މައްސަލަ ބަލަމުންދާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެފި އެވެ.

އޮސްޓްރޭލިއާގެ ނައިން ނެޓްވޯކުގައިވާ ގޮތުން އެކުއްޖާ ބާލީއަށް އެކަނި ދާން ނިންމީ އެއާއިލާއިން އިންޑޮނޭޝިއާއަށް ކުރަން އޮތް ދަތުރު ކެންސަލް ކުރުމުން، އެކަމާ ހިތްހަމަނުޖެހިގެންނެވެ.

އެނޫހުގައިވާ ގޮތުން އެކުއްޖާ ފްލައިޓާއި ހޮޓެލް ބުކް ކުރީ މަންމަގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން އޮންލައިންކޮށެވެ. އެއަށް ފަހު އެކުއްޖާ ވަނީ ސްކޫލަށް ދަނީ ކަމަށް ބުނެ، ސިޑްނީ އެއާޕޯޓަށް ގޮސް، ސިޑްނީ އިން ޕާތް އަށް އަދި ޕާތް އިން ބާލީއަށް ފްލައިޓަކުން ދަތުރު ކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެދަތުރުގައި އެކުއްޖާ ގެންދިޔައީ ކޮނޑުގައި އަޅުވާ ދަބަހަކާއި ސްކޫޓަރެއް އެކަންޏެވެ.

ނަން ހާމަކޮށްފައި ނުވާ އެކުއްޖާ އޮސްޓްރޭލިއާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެއާޕޯޓުން އޭނާ ހުއްޓުވާފައި ވަނީ ހަމައެކަނި ޕާސްޕޯޓާއި ސްކޫލް އައިޑީ އޮތްތޯ ބެލުމަށް ޓަކަ އެވެ. އަދި އޭނާ ބާލީގައި ހޮޓަލަށް ޗެކް-އިން ކުރީ ދައްތަ އަންނަން ދެން މަޑުކުރަނީ ކަމަށް ބުނެފައި ކަމަށް އެކުއްޖާ ބުންޏެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި އެކުއްޖާ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓު ކުރީ މާޗް އަށެއްގަ އެވެ. އަދި އިންޑޮނޭޝިއާގެ ފުލުހުންނަށް އެކުއްޖާ ފެނުނީ މާޗް 17ގައި އެވެ. އޭގެ ފަހުން އެކުއްޖާ ވަނީ އޮސްޓްރޭލިއާއަށް ގެންގޮސް، އާއިލާއާ ހަވާލުކޮށްފަ އެވެ.

އެކުއްޖާގެ މަންމަ ވަނީ އެކުއްޖާ ގައުމުން ބޭރަށް ދިޔަ ހަބަރު ލިބުމުން ޝޮކެއް ލިބުނު ކަމަށް ބުނެފަ އެވެ. އަދި "އެވަގުތު ކުރެވުނު އިހުސާސުތައް ބަޔާން ކުރަން ވެސް ނޭނގޭ" ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިއާގެ އެކި އެއާލައިންތަކުގައި ކުޑަކުދިން ބެލެނެވެރިއަކާ ނުލައި އުދުހުމާ ބެހޭ ގޮތުން އޮންނަ ޕްރޮސީޖާ ތަފާތު ވާނެ ކަމަށް އެގައުމުން ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް